29 Mar 2020, 18:30
މިހާރު މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރަން ޖުމްލަ 29،500 ޓެސްޓް ކިޓް ކުރިއަށް އޮތް ތަނުގައި ލިބޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރަން 3800 ޓެސްޓް ކިޓް އެބަހުރި ކަމަށެވެ.
އޭގެ އިތުރުން 1000 ރެޕިޑް ޓެސްޓްކިޓް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"މީގެ އިތުރުން 31 މާޗްވާ ދުވަހު އައިޖީއެމްއެޗުން ރާއްޖެ ގެނެވޭނެކަމަށް އެބަ ބުނޭ 6800 އިތުރު ކިޓް. މީގެ އިތުރުން ރާއްޖެއަށް އެކި ގައުމުތަކުން ލިބެންހުރި ކިޓްތަކުގެ އަދަދު މިހާރު ވަނީ 29،500 އަށް އަރާފައި،" މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއިން ކޮރޯނާ ވައިރަހަށް ޓެސްޓްކުރީ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެންނެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ކޮވިޑަށް ޓެސްޓްކުރަން ކިޓްތަކެއް ހަދިޔާ ކުރި ފަހުން އެ ބައްޔަށް ރާއްޖޭގައި ދަނީ ޓެސްޓްކުރަމުންނެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 908 މީހަކު ޓެސްޓްކޮށްފައިވާއިރު 891 މީހަކު ވަނީ ނެގެޓިވް ވެފައެވެ. އަދި 17 މީހަކު ޕޮޒިޓިވްވެސް ވިއެވެ.