14 Dec 2011, 17:53
މާލެ އަތޮޅު ކާށިދޫގެ ހުކުރު މިސްކިތުގެ ހަރިންމަ ތެރެއިން ގަބުރު ފެނިގެން އެމިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފައި ހުއްޓާ، އިސްލާމިކް މިނިސްޓްރީން ބުނެގެން މިސްކިތުގެ ތަޅުން ކޮނުނުތަކާ އިތުރު މިނިކަށިތަކެއް ފެނިއްޖެ އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާނު މިއަދު ވިދާޅުވީ މިސްކިތުގެ ހަރިންމަތެރެއިން ގަބުރު ފެނިގެން ބަންދުކޮށްފައި ހުއްޓާ، މިސްކިތުގެ ތަޅުމުން ތިން ތަނަކުން ކޮނެގެން ބެލުމަށް މިނިސްޓްރީން އެނގުމުން މިއަދު ހެނދުނު މިސްކިތު ތަޅުމުން ފުރަތަމަ ކޮނުނު ވަޅުން ވެސް އިންސާނެއްގެ ކަށިފެނިފައިވާ ކަމަށެވެ. އަދި ދެވަނަ ވަޅުގަނޑެއް ވެސް ކޮނުމުގެ މަސައްކަތް ކުރި ނަމަވެސް މިނިސްޓްރީގެ ލަފާގެ މަތިން މިސްކިތް އަނެއްކާ ވެސް ބަންދުކޮށްފައިވާ ކަމަށް ސުލްތާނު ވިދާޅުވި އެވެ.
"މިނިސްޓްރީން އެންގީ މިސްކިތުގެ ތަޅުމުން ތިން ތަނެއް ކޮނެ ގަބުރު ފެނޭތޯ ބެލުމަށް، ފުރަތަމަ ކޮނުނު ތިން ފޫޓް ފަސް ފޫޓްގެ ވަޅުން ވެސް ބޮލާއި ކައްޓާއި އެކު ފެނިގެން މިނިސްޓްރީގެ ލަފައެއް ހޯދީމާ އެންގީ އެ ވަޅުތައް ފަސްލުމަށް ފަހު ބަންދުކުރުމަށް،" ސުލްތާނު ވިދާޅުވި އެވެ.
ކާށިދޫ ހުކުރު މިސްކިތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު މިނިކަށި ފެނިފައި ވަނީ އެ ރަށު ސްކޫލްގެ ގޯތިތެރެއިން މިނިކަށި ފެނިފައިވުމާއި ހުކުރު މިސްކިތް ގަބުރުސްތާނާއި ކައިރީގައި ހުރުމުން މިސްކިތުގައި ވެސް ގަބުރު ހުރެދާނެ ކަމަށް ރަށުގެ ބައެއް މީހުންނަށް ޝައްކުވެގެން ކައުންސިލްގައި އެދުމުން، މިސްކިތް ކޮނެގެން ބެލުމުންނެވެ.