އެއާޕޯޓްގައި ހުރި ޑިއުޓީ ފްރީ ފިހާރަތައް ނަގަން ނޯޓިސްދީ އެތަންތަނުން ދިވެހިންގެ ވަކިކުރަން ފެށުމާ ގުޅިގެން ޖީއެމްއާރާ ދެކޮޅަށް އެމްވީކޭ އިން މާދަމާރޭ ކުރާ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވުމަށް އިދިކޮޅު ތިން ޕާޓީއަކުން ގޮވާލައިފި އެވެ.

މާދަމާ ރޭ 9 ޖަހާއިރު އާޓިފިޝަލް ބީޗުގައި ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް ގޮވާލި ޕާޓީތަކަކީ ޑީއާރުޕީ އާއި ގައުމީ ޕާޓީ އާއި ޕީޕީއެމް އެވެ.

އިދިކޮޅު ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު ]މަވޯޓާ[ މިއަދު ވިދާޅުވީ އެމްވީކޭއަކީ ވެސް އެއާޕޯޓް ޖީއެމްއާރަށް ދިނުމުގައި މަސައްކަތް ކުރި ބައެއް ކަމަށާއި އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ހައްގުގައި ކުރެވޭ ކަމެއް ނަމަ އެމްވީކޭ އިން ކުރާ މުޒާހަރާ އަށް އެ ޕާޓީން ތަރުހީބުދޭ ކަމަށެވެ. އަދި ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްވީކޭގެ މުޒާހަރާއާ ބެހޭ ގޮތުން ގައުމީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖީއެމްއާރުން އެމްވީކޭ އާއި ދިވެހި އެހެން ޑިއުޓީފްރީ ވިޔަފާރިވެރިންނަށް އިހާނެތިކޮށް ހިތަމުންދާ އިރު އެކަމާ ދެކޮޅަށް އަޑު ނުއުފުލާ ތިބުމަކީ މާދަމާ ޖީއެމްއާރުން ދިވެހި ރައްޔިތުންނާ މެދު އެފަދަ ގޮތަކަށް ކަންތައް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ ޖީއެމްއާރާ ދެކޮޅަށް އެމްވީކޭ އިން ކުރާ މުޒާހަރާގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވެސް މިއަދު ވިދާޅުވީ އެމްވީކޭ އަކީ ޖީއެމްއާރަށް އެއާޕޯޓްދޭން މަސައްކަތް ކުރި ކުންފުންޏެއް ކަމަށް ވިޔަސް އެ ކުންފުނީގެ މުވައްޒަފުން ޖީއެމްއާރާ ދެކޮޅަށް ކުރާ މުޒާހަރާ އަށް އެ ޕާޓީން ތާއިދުކުރާ ކަމަށެވެ.