14 Apr 2020, 10:41
މާލޭގައި ސަތޭކައިން ގުނާލެވޭ ވަރަށް ކުދިކުދި ފިހާރަތައް ދޫވެފައި ހުރީ ބިދޭސީންގެ އަތް މައްޗަށެވެ. މިއީ ކަނޑައެޅިގެން މަނާކަމެއް ނަމަވެސް މިކަމާމެދު ޝަކުވާ ކުރާ މީހެއް، މި މައްސަލަ ބަލާނެ ފަރާތެއް ވެސް ހުރި ކަމަކަށް ނުވެ އެވެ.
މިކަން ތަހުގީގު ކުރުމަކީ ވެސް ވަކި ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ފިހާރަ ހިންގުމުގައި ބިދޭސީން އުޅުނު ނަމަވެސް ވިޔަފާރި ހިންގުމުގެ ހުއްދައިގައި އޮންނަނީ ދިވެއްސެއްގެ ނަމެވެ.
މިކަން ބަލައިލިއިރު ދިވެހިންގެ ކަންނެތްކަން ވެސް ގަދައީ އެވެ. އަމިއްލައަށް މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. ވިޔަފާރި ކުރުމުގެ ހުއްދަ ނެގުމަށްފަހު 10-20 ހާސް ރުފިޔާއަށް އެ ފިހާރަ ބިދޭސީއަކަށް ކުއްޔަށް ދީފައި ތިބެނީ ގޭގަ އެވެ. ބިމުގެ ވެރިފަރާތަށް ތަނުގެ ކުލި ވެސް ދައްކަނީ ބިދޭސީ މީހާ އެވެ.
އެތަނުން ގިނަ ފިހާރަތަކަށް ވަނުމުން ފެންނަނީ ފިހާރައިގެ ގިނަ މަސައްކަތްތަކުގައި ބިދޭސީން ޝާމިލުވެ އުޅޭ މަންޒަރެވެ. މަސައްކަތު މީހާއިން ފެށިގެން ކައުންޓަރުގައި ހުންނަ މީހާއަކީ ވެސް ބިދޭސީއެކެވެ. ބާޒާރަށް މުދާ ގަންނަން ދާނީ ވެސް ބިދޭސީންނެވެ. އެކަކު ކައުންޓަރުގައި ހުންނައިރު، ދެން ހުންނަ މީހަކު ދާނީ ބާޒާރު ކުރާށެވެ.
ދިވެއްސެއްގެ ނަން މަތީގައި ވިޔަފާރި ރެޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް، ފިހާރައިގެ ވެރިޔާއަކީ ބިދޭސީއެކެވެ. އަމިއްލައަށް ވިޔަފާރި ކޮށްގެން ލިބޭ އާމްދަނީއަށްވުރެ ކުޑަ އާމްދަނީއެއް ލިބުނު ނަމަވެސް، މިގޮތް މާ ފަސޭހައީ އެވެ.
ކައުންޓަރުގައި ބިދޭސީއަކު ބެހެއްޓުމަކީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ގާނޫނުގައި މަނާކޮށްފައި އޮންނަ ކަމެކެވެ. މިގޮތަށް ބިދޭސީއަކު ފިހާރައިގެ ކައުންޓަރުގައި ހުންނަ ހުރުމަކީ އެމީހުން ފިހާރަ ހިންގާކަމުގެ ރަތް ސިގުނަލެއް ގޮތުގައި ބެލެވިދާނެ އެވެ. އެމީހުން ހިންގާ ފިހާރައެއްގައި ދިވެއްސަކު ކައުންޓަރުގައި ހުންނަ ތަނެއް ނުފެނެ އެވެ. މިގޮތަށް ތިބޭ ބިދޭސީ ސޭޓުން ގާތުގައި ތިއީ ފިހާރައިގެ ސޭޓު ތޯ އެހުމުން ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ.
ދިވެއްސެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ހުރުމުން މި މައްސަލަ ތަހުގީގު ކުރަން ދަތިތަކެއް ހުރި ނަމަވެސް، އެހެން ކިޔައިގެން ތިބެވޭކަށް ނެތެވެ. ގައުމުގެ އިގްތިސާދު މިހާރު މިއޮތީ ނާޒުކު ފައްތަރެއްގަ އެވެ. މި މައްސަލައިގައި ހުރި އެންމެ އާދައިގެން ކަންކަން ވެސް ބަލައި ފިޔަވަޅު އަޅަންވީ އެވެ.
މުޅި ދުނިޔޭގައި ކޮވިޑް19 ފެތުރެމުގެ ސަބަބުން ރާއްޖެ ވެސް މިއޮތީ އިގްތިސާދީ ވަޅުގަނޑަކަށް ވެއްޓިފަ އެވެ. ކަމާބެހޭ ފަރާތްތަކުން އެއް އަޑަކުން ގޮވަމުންދަނީ ހަރަދު ކުޑަކުރުމަށާއި ވީވަރަކުން އިގްތިސާދު ކުރުމަށެވެ. ކުދި ފިހާރަތައް ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލުމަކީ މީގެ ދިމާ އިދިކޮޅެވެ.
ސަބަބަކީ އެމީހުން ރާއްޖޭގައި ކުރާ މަސައްކަތުން ލިބޭ މުސާރަކޮޅު އަމިއްލަ ގައުމަށް ފޮނުވާ ފަދައިން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ވެސް ފޮނުވާނީ އެމީހުންގެ ގައުމަށެވެ. ކޮންމެ މަހަކު ރާއްޖޭން ބޭރުވެގެން އެދަނީ އެތައް މިލިއަން ރުފިޔާ އެވެ. ދިވެހިން އަމިއްލައަށް މި ވިޔަފާރި ކުރާނަމަ، އެކަމުން ލިބޭ ފައިސާ ދައުރުވާނީ ރާއްޖޭގަ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 200،000 އަށް އަރާއިރު، އޭގެ ތެރޭގައި 63،000 ވަރަކަށް މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. މި މީހުން ގަވާއިދުގެ ތެރެއަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރީ އިސްނަގައިގެން ޕްރޮގްރާމެއް ކުރިއަށްގެންދިޔަ އެވެ. އެ ޕްރޮގްރާމުން މާ އެދެވޭ ނަތީޖާއެއް ހާސިލުވި ތަނެއް ނުފެނެ އެވެ.
ސަބަބަކީ ރާއްޖޭގައި ތިބި ދިވެހިންގެ އަދަދަށް މާބޮޑު ހީނަރުކަމެއް ނާންނާތީ އެވެ. އިކޮނޮމިކް މިނިސްޓަރު ވެސް މިފަހުން ފާހަގަ ކުރެއްވީ އެ ޕްރޮގްރާމު ފެށި ފަހުން ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ނަންބަރުތައް ބޮޑުތަނުން ދަށަށް ދިޔަ ވާހަކަ އެވެ. ނަމަވެސް މިތަނުގައި ތިބި ބިދޭސީން މަދުވިކަން ފާހަގައެއް ނުކުރައްވަ އެވެ.
ބިދޭސީން އަތުން ކުދި ފިހާރަތައް އަތުލަން މި އެދޭ އެދުމުގެ މާނައަކީ އެއްވެސް ގޮތަކަށް އެ މީހުން ހާލުގައި ޖައްސައި، އެމީހުންނަށް އިހާނެތިކޮށް ކަންތައް ކުރުމެއް ނޫނެވެ.
ނަމަވެސް ބިދޭސީންގެ އަތްދަށަށް މިފަދަ ކުދި ވިޔަފާރިތައް ގޮސްފައި އޮތް މިންވަރު ބޮޑުކަމުން އަމިއްލަ ގައުމުގައި ތިބެ އެމީހުންގެ އަތުން ސަލާން ޖަހަން ޖެހޭ ހިސާބަށް ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.