މާލޭގައި ފާނަބަސަންދު ޖެހިގެން ފަރުވާ ހޯދާ މީހުންގެ ނިސްބަތް އިތުރުވެފައިވާ ކަމަށް ސެންޓާފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ)ން ބުނެފި އެވެ.

ސީސީއެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މި ދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީއާ ގުޅިގެން ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސް ކޮޅަކަށް ވާތީ ދަތުރުމަތީގަ އާއި ގިނަ މީހުން އެކީ އުޅުމުގެ ސަބަބުން ބަލި ފެތުރުން ފަސޭހަ ދުވަސް ކޮޅަކަށް ވާނެ ކަމަށެވެ. އަދި ބުނީ ފާނަބަސަންދު ޖެހިފައިވާ މީހުން އެހެން މީހުންނާ ވަކިން އުޅުމަށާއި ބަލި ޖެހިފައިވާ މީހުން ބޭނުންކުރާ އެނދާއި ތުވާލި ފަދަ އެއްޗެހި އެހެން މީހުން ބޭނުން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

މިދުވަސްވަރު އަރިދަފުސް ރޯގާ ގިނައިން އުޅޭތީ ކެއްސާއި ކިނބިހި އަޅާއިރު ރައްކާތެރިވެ ބަލި ނުފެތުރޭނެ ގޮތަކަށް ސަމާލުކަން ދިނުމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މިދުވަސްވަރު މަދުން ނަމަވެސް ވިއްސާރަ ކުރަމުންދާތީ މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލައި ގޯތި ގެދޮރު ސާފުކޮށް ބެލެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.