29 Mar 2020, 11:18
ނިއުދިއްލީ (29 މާޗް 2020) : ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާ އިން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އެގައުމުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވެއްޖެ އެވެ.
އިންޑިއާގެ ވިޔަފާރިވެރިންނާ ހަވާލާދީ އެގައުމުގެ މިޑީއާ ބުނާގޮތުން ކެއުމަށް ބޭނުންކުރާ އާންމު ތަކެތިކަމަށްވާ ފިޔާ އަލުއި އަދި ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތަކުގެ އަގުތައް މިހަފްތާގައި ވަނީ ބޮޑުވާންފަށާފަ އެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ ގާޒީޕޫރާއި އާޒާދު ޕޫރުފަދަ މަޝްހޫރު ބާޒާރުތަކުގައި 80 ރުޕީއަށް މިދިޔަ ހަފްތާގައި ވިއްކި ފަސް ކިލޯގެ އަލުއި ބަސްތާއެއްގެ އަގު މިހާރުވަނީ 140 ރުޕީ އަށް މައްޗަށް ގޮސްފަ އެވެ.

ފުރަ ބަންދުކުރުމާއެކު އިންޑިއާގެ ފަގީރުންނަށް ކާންދިނުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން
މީގެއިތުރުން އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ބޭނުންކުރާ އެނޫން ބައެއްތަކެތީގެ އަގުތައްވެސް ދެގުނަ އަދި ތިންގުނަ ބޮޑުވެފައިޥާ ކަމަށް އާންމުންނާ އަދި ވިޔަފާރިވެރިންނާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނެއެވެ.
ފުރަބަންދު ކުރުމުން އިންޑިއާގައި އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ފަގީރުންނަށެވެ. އެއީ ކޮންމެ ދުވަހަކު ކުރާ މަސައްކަތުން އެދުވަހު ބަނޑުފުރާނަ މުއްތިކޮށްގެން އުޅޭ މީހުންނެވެ. އެމީހުންނަށް ދުވާލަކު ދެފަހު ކާންދިނުމުގެ ޕްރޮގްރާމެއް އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ ހުރިހާ ސްޓޭޓްތަކެއްގެ ކަންކޮޅުތަކުގައި ތަންފީޒު ކުރަން ފަށާފައެވެ.
21 ދުވަހަށް އިންޑިއާ ލޮކްޑައުން (ފުރަބަންދު) ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. މިއާއެކު އިންޑިއާގެ ދަނޑުވެރިންނާއި ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުން ވެސް މަސައްކަތް ހުއްޓާލުމަށް ފަހު ގޭގައި ތިބެންޖެހުމުން ތަކެތި އުފެއްދުންވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.

ފުރަބަންދާއެކު އިންޑިއާގެ މަގުތައް ހުސްކޮށް
އިންޑިއާގައި ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ތަކެތީގެ އަގުތައް ބޮޑުވީ ފުރަބަންދުގެ އިތުރުން ވިޔަފާރިވެރިންނާއި އާންމުން ބިރުގަނެ ގިނަބައަކު އެއްފަހަރާ ތަކެތި ގަތުމާގުޅިގެން ސަޕްލައި ދަށްވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގައި ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 982 އެވެ. އެ ރޯގާގައި މިހާތަނަށް 24 މީހުން މަރުވެފައިވާއިރު 84 މީހުންނަށް ޝިފާ ލިބި ރަނގަނޅުވެފައިވެއެވެ.
ނަމަވެސް އިންޑިއާއަކީ އިންފްރާސްޓްރަކްޗާ ބަލިކަށި އަދި ތަރައްގީގެ ވަސީލަތްތައް ދަށް ގައުމަކަށްވެފައި އާބާދީ ބޮޑުވެފައި އާބާދީގެ ގިނަ މީހުން ފަގީރުވެފައި ދިރިއުޅުމުގެ ހާލަތު ދަށްވެފައި ތައުލީމުނެތުމާއި ހޭލުންތެރިކަން ކުޑަކަމުން އިންޑިއާގައި ކޮވިޑް-19 ވައިރަސް ހަލުއިކަމާއެކު ފެތުރިދާނެކަމުގެ ބިރު ބޮޑުކަމަށް އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. (އިންޑިއާގެ މީޑިއާ)