14 Dec 2011, 16:52
ތޫނިސް (ޑިސެމްބަރު 13) : ތޫނިސްގެ ޕާލަމެންޓްގެ މެޖޯރިޓީ ލިބިފައިވާ އިސްލާމީ ހިޔާލުގެ ނަހްޒާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހައްމާދީ އަލްޖިބާލީ އާ ތޫނިސްގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އެގައުމުގެ އައު ރައީސް މުންސިފުލްމަރްޒޫގީ ހަވާލުކުރައްވަފި އެވެ.
ތޫނިސްއަށް ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށްޓަކައި އިސްލާހްކުރި އެގައުމުގެ ދުސްތޫރުގައިވާ ގޮތުން އެގައުމުގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެކެވެ. އެހެންކަމުން ގައުމުގެ ވެރިކަމުގެ ހަގީގީ ބާރުތައް އޮންނާނީ ބޮޑުވަޒީރުގެ އަތްޕުޅުގަ އެވެ. ދާދިފަހުން ބޭއްވި ތޫނިސްގެ ޕާލަމެންޓްރީ އިންތިހާބުގައި އެއްޕާޓީއަކުން އެންމެ ގިނަގޮނޑި ކާމިޔާބު ކޮށްފައިވަނީ އެގައުމުގެ އިސްލާމީ ހިޔާލުގެ ޕާޓީ ކަމަށްވާ ނަހްޒާ ޕާޓީންނެވެ.
ނަހްޒާ ޕާޓީ އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ވާތުފިޔައިގެ ދެޕާޓީއެކު ޕާލަމެންޓްގެ52 % އައްލަބިއްޔަތެއް ލިބިފައިވެ އެވެ. ތޫނިސް އިން ލިބޭ ހަބަރުތައް ބުނާގޮތުން ބޮޑުވަޒީރު ކަމަށް އިހުތިޔާރު ކުރެވިފައިވާ ހައްމާދީއަލްޖިބާލީ އެކުލަވާލައްވަނީ ކޯލިޝަން ސަރުކާރެކެވެ. ހައްމާދީއަކީ ތޫނިސްގައި ކުރީގެ ރައީސުން ކަމަށްވާ އަލްހަބީބް ބުރްޤީބާގެ ދައުރުގައާއި މިއަހަރު ވެރިކަން ވައްޓާލި ޒައިނުލްޢާބިދީން ބިންއަލީގެ ދައުރުގައި ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައިވާ އިސްލާމީ ލީޑަރެކެވެ.
1981 އާއި 2010 އާ ދެމެދު އެކިފަހަރު މަތިން 15 އަހަރު ހައްމާދީ ޖަލުގައި ހޭދަކުރައްވާފައިވެ އެވެ. ހައްމާދީއަކީ އެނާޖީގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ އިންޖިނޭރެކެވެ. (ރޮއިޓާސް)