14:30


އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ތިމާވެށީގެ ފައިދާތަކުގެ އިތުރުން، އިޤްތިޞާދީ އަދި ސަލާމަތީ ފައިދާތަކެއްވެސް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ، ތިމާވެށްޓާއި މޫސުމާއި ހަކަތައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށްޓަކައި އިޓަލީވިލާތުގެ ރޯމްގައި މިހާރު ހިނގަމުންދާ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަކީ މުސްތަޤްބަލުގެ ޓެކްނޮލޮޖީ ކަމަށާއި، މިދާއިރާގައި ކުރިއަރައިގެންދާނެ ޤައުމުތަކަކީ، ތަރައްޤީގެ މަގުގައި ކާމިޔާބު ހޯދާނެ ޤައުމުތައް ކަމުގައި ވިދާޅުވި އެވެ. އަދި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަން އައިސްލެންޑްފަދަ ޤައުމުތަކުން ފެންނަން އެބަހުރި ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކެކޭ އެއްފަދައިން ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު މަދުކުރަން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ޙަޤީޤަތެއްކަން ސައެންސްގެ ހޯދުންތަކުން އެނގެން އެބައޮތްކަން ބަޔާންކުރައްވަމުން، އެހެންނަމަވެސް، މި ޙަޤީޤަތްތައް ޤަބޫލު ނުކޮށް މިކަމާ ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރާ ބަޔަކުވެސް އެބަތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެއްބަސްވުމަކަށް އައުމަށް ކޯޕަންހޭގަން ސަމިޓަށްފަހު ހޯދިފައިވާ ކުރިއެރުންތައް، މި ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން މަޑުޖެހިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.


މި މޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި މަޑުޖެހިފައިވާ މަޑުޖެހުން ދެން އިތުރަށް ކުރިއަށް ގެންދެވޭނީ، 1960ގެ އަހަރުތަކުގައި ކަންތައް ހިނގިގޮތަށް ޒުވާނުން މަގުތަކަށް ނުކުމެ މަސައްކަތްކޮށްގެން ކަމުގައި ވިދާޅުވި އެވެ. އަދި ސިޔާސީ ވެރިން ކަންތައް ކުރަނީ ރައްޔިތުން އެދޭ ގޮތަކަށް ކަމަށާއި، އެހެންކަމާއެކު، މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅޭ މައްސަލަތަކަށް ޙައްލު ހޯދުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލެވޭނީ ޢާންމު ރައްޔިތުންނަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.