ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިތުރު ރިސޯޓަކާއި ކާގޯ ވެސެލްއެއް މޮނީޓަރިންއަށް ގެނެސްފިއެވެ.

ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މޮނީޓަރިންގެ ހާލަތަށް ގެނައީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު (ކ. އޮޅުހަލި)އާއި ވީއެސްޖީ ގްލޯރީ ކިޔާ ކާގޯ ވެސެލްއެއް ކަމަށެވެ.

އޭގެ ތެރެއިން ލަކްސް ރިސޯޓްއެން ބަލީގެ އަލާމަތް ފެނުނު ދިވެހި މީހާގެ ސާމްޕަލް ނަގައި ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ އަދި ވީއެސްޖީ ކާގޯ ވެެސަލްއިން ބަލީގެ އަލާމަތް ފެނުނު ބިދޭސީ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އާކް ނޯބަލް ސަފާރީ، ޓާޖް އެގްޒޯޓިކާ ފިލިތެޔޮ އައިލެންޑް ރިސޯޓް، ދަ ރެސިޑަންސް މޯލްޑިވްސް ދިގުރަށް، މީ ހަމަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިންމާލެވެންދެން އަދި އެހެރީ ހަމަ މޮނީޓަރިންގެ ހާލަތުގައި. އައިލެންޑް ސަފާރީ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި. ދެން މައި ސްޓާ އަދިވެސް ހަމަ މޮނީޓަރިންގެ ހާލަތުގައި،" މަބްރޫކް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިން މޮނީޓަރިންގެ ހާލަތުގައި އޮތް ޖޭއޭ މަނަފަރު ރިސޯޓާއި މާހާ ސަފާރީ އާންމު ހާލަތަށް މިހާރު ގެނެވިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ޖެހިގެން 16 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ފުރައިގެންގޮސްފައެވެ.

ބަލި ޖެހުނު 16 މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.