29 Mar 2020, 09:55
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރަށްރަށުގައި އިތުރު ފްލޫ ކްލިނިކްތަކެއް ގާއިމްކޮށްފި އެވެ.
ކޮވިޑްއާ ބެހޭ ގޮތުން ރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ރޭ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ އެކި ފްލޫ ކްލިނިކްތަކުގައި ފާއިތުވި 24 ގަޑިއިރު 185 މީހަކު ބަލައިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގްރޭޓާ މާލޭގައި ހުންނަ ފްލޫ ކްލިނިކާއި ޓްރެވަލް ކްލިނިކްތައް ވެސް ހިމެނެ އެވެ.
އަލަށް ފްލޫ ކްލިނިކްތައް ހެދި ރަށްރަށުގެ ތެރޭގައި ޅ. ނައިފަރާއި ހިންނަވަރުގައި ހެދި ކްލިނިކްއާއި މ. މުލި އަދި ފ. ބ. ތ. ދ. އަތޮޅު ހޮސްޕިޓަލްގައި ހެދި ފްލޫ ކްލިނިކްތައް ހިމެނެ އެވެ. އޭގެ އިތުރުން ކ. މާފުށްޓާއި ތުލުސްދޫއާއި ކާށިދޫގައި ހެދި ކްލިނިކްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިގެން 16 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ފުރައިގެންގޮސްފަ އެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް 891 މީހަކު ކޮވިޑްއަށް ޓެސްޓްކުރި ކަމަށާއި އޭގެ ތެރެއިން 874 ސާމްޕަލް ނެގެޓިވްވި އިރު އެއް ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ.
މިވަގުތު މާލޭގައި ހޯމް އައިސޯލޭޝަންގައި 13 ދިވެހިން ހަތަރު ބިދޭސީން ތިބިއިރު ހޯމް ކަރަންޓީނުގައި 43 ދިވެއްސަކާއި އެއް ބިދޭސީއަކު ވެސް އެބަހުއްޓެވެ.
އިއްޔެ ރާއްޖެ އައިސްފައި ވަނީ 22 ދިވެހިން އެކަންޏެވެ.