މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގަިއ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ސްޕެއިންގެ ޕްރިންސެސް އެއް އަވަހާރަވެއްޖެއެވެ.

އަވަހާރަވެފައިވަނީ ޕްރިންސަސް މަރީއާ ތެރޭސާ ދެ ބޮރުބޮން ޕަރްމާއެވެ. އެކަމަނާ އަވަހާރަވެފައިވަނީ އުމުރުން 86 އަހަރުފުޅުގަ އެވެ.

އެކަމަނާ އަވަހާރަވެފައިވަނީ މިއަދު މެންދުރު ޕެރިސްގައެވެ.

އެކަމަނާއަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްވެސް މެއެވެ. އެކަމަނާވަނީ ސްޕެއިންގެ މެޑްރިޑްގައި ހުންނަ ކޮމްޕްލޫޓެންސް ޔުނިވާސިޓީގައި ޕްރޮފެސަރެއްގެ ވަޒީފާވެސް އަދާކުރައްވައިފައެވެ.

މިއީ ކޮވިޑް ޖެހިގެން ގައުމެއްގެ ޝާހީ އާއިލާއެއްގެ ބޭފުޅަކު އަވަހާރަވި ފުރަތަމަ ފަހަރެވެ. ދާދި ފަހުން އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސްވެސް ވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެފައެވެ. ޗާލްސްގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އަމިއްލައަށް ކަރަންޓީނުވެވަޑައިގެންފައެވެ. ޗާލްސްއަށް ކޮވިޑް ޖެހުނު ނަމަވެސް އަނބިކަނބަަލުން ކަމީލާ ވަނީ ބައްޔަށް ނެގެޓިވްވެފައެވެ.

ސްޕެއިންގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް އެގައުމުގެ 72،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 5500 މީހުން ވަނީ ބަލީގައި މަރުވެސްވެފައެވެ.