14 Dec 2011, 16:46
އިންޓަމިލާން ގެ ޖާޕާން ޑިފެންޑަރު ޔޫޓޯ ނަގަޓޮމޯ ކާމިޔާބުކޮށްދިން ލަނޑާއެކު އިޓާލީ ލީގުގެ ތިންވަނަ އަށް އެކުލަބު ޖެހިލައިފި އެވެ. ގެނޯއާ އާއި ދެކޮޅަށް ކުޅެ އިންޓައިން ހޯދި މި ކާމިޔާބީ އަކީ މިސީޒަނުގައި އެކުލަބަށް ލިބުނު ހަވަނަ ކާމިޔާބީ އެވެ.
ގެނޯއާ ގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔައީ އިންޓަ އިން ނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ޔޫޓޯ ނަގަޓޮމޯ އެވެ. މިލަނޑު ނަގަޓޮމޯ ކާމިޔާބު ކުރީ ރިކާޑޯ އަލްވަރޭޒް ނަގައިދިން ހުރަހަކުން ނެވެ.
މިމެޗުގައި ގެނޯއާ އިން އުފެއްދި ހަތަރު ހަމަލާގެ ތެރެއިން ގޯލާއި އަމާޒުވީ އެންމެ ހަމަލާ އެކެވެ. އިންޓަ އިން ގެނޯއާ ގެ ގޯލަށް ސަތާރަ ހަމަލާ އުފައްދާފައި ވާއިރު، ގޯލާއި އަމާޒުވީ ހަތް ހަމަލާ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން އިންޓަ ކުރީގައި އޮވެގެންނެވެ.
މިމެޗުގައި އިންޓަގެ ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި މެޗުން ލިބުނު ތިން ޕޮއިންޓަކީ ޓީމަށް ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށް އެކުލަބުގެ ކޯޗް ކްލައުޑިއޯ ރަނިއެރީ ބުނުފައި ވެއެވެ. "ޒުވާން ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް. މިއީ ޓީމަށް ލިބުނު މުހިންމު ތިން ޕޮއިންޓް." މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރަނިއެރީ ބުންޏެވެ.
އިޓަލީ ލީގުގެ އެއްވަނާގައި ތިރީސް ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރޔ، ދެވަނާގައި އޮތް އުދިނޭސީ އަށް ވެސް ލިބިފައިވަނީ ތިރީސް ޕޮއިންޓެވެ. ޔުވެންޓަސް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. 28 ޕޮއިންޓާއެކު ލީގުގެ ތިން ވަނާގައި އޭސީ މިލާނަށް އޮތްއިރު، ހަތަރު ވަނާގައި އޮތީ ލާޒިއޯ އެވެ. ލީގުގެ ހަތްވަނާގައި އޮތް އިންޓަ އަށް ލިބިފައި ވަނީ ވިހި ޕޮއިންޓެވެ.