28 Mar 2020, 23:16
މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ނުވަތި ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ދަނީ މަޑުކުރަމުންނެވެ.
އެގޮތަށް ގޭގައި ތިބުމުގެ ތެރޭގައި ގިނަ ބަޔަކު މިހާރު ދަނީ ތަފާތު އެކި ކަންތައްތައް ކުރަމުންނެވެ.
ގޭގައި ތިބެގެން މިހާރު ގިނަ ބައިވެރިވަމުންދާ އެއް ޗެލެންޖަކީ "ސްޓޭ އެޓް ހޯމް ޗެލަންޖް" އެވެ.
އެ ޗެލެންޖް ރާއްޖޭގައި މަޑުމަޑުން ވައިގައި ހިފަމުންދާއިރު ނާއިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެ ޗެލެންޖްގައި ނާއިބު ރައީސް ފައިސަލް ބައިވެރިވެ ފުޓްބޯޅަ ހިއްޕައިގެން ޖަގްލްކުރާ ވީޑިއޯއެއް މިއަދު ވަނީ ފައިސަލް ޓުވިޓާއަށް އަޕްލޯޑްކުރައްވައިފަ އެވެ.
ނާއިބު ރައީސް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފާލްއާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި އަދި ދުވުންތެރިޔާ މުހައްމަދު ސާއިދު ވެސް އެ ޗެލްންޖް ފުރިހަމަކުރުމަށް ޗެލެންޖްކުރައްވައިފަ އެވެ.
މީގެ ކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ އެ ޗެލެންޖް ފުރިހަމަ ކުރައްވައިފަ އެވެ.
މި ޗެލެންޖްގައި ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވެފައިވާ އިރު މީގެ ތެރޭގައި ޔުނައިޓެޑުގެ އެންތަނީ މާޝިއަލް އަދި ރަޝްފޯޑް، ރެއާލްގެ އިސްކޯ އަދި މާސެލޯ، ބާސެލޯނާގެ ލިއޮނެލް މެސީ އަދި މެންޗެސްޓާރ ސިޓީގެ ފިލް ފޮޑެން ވެސް ހިމެނެ އެވެ.