އިންޓަނެޓް އަގުހެޔޮ ކުރުމަށް ދިރާގު އަދި އުރީދޫއާ އެކު މަޝްވަރާތައް މިއަދުވެސް ކުރިއަށް ދިޔަ ކަމަށާއި މާދަމާ ޖަވާބެއް ދެއްވާނެ ކަމަށް ކޮވިޑް-19އާ ގުޅޭ ކަންކަމުގެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބުރޫކު އެހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އެ މައްސަކަތް އެބަ ކުރެވޭ. އަޅުގަނޑަށް އެނގޭ މިރޭވެސް އޭގެ ބައްދަލުވުންތައް ހިނގިކަން އެކަމުގައި. އަޅުގަނޑަށް ހީވަނީ މަދަމާ ހިސާބެއްގައި ސީދާ ޖަވާބެއް ދެވޭނެ. ދިރާގު [އަދި] އޫރިދޫއާއެކު މިކަންތަކުގައި މަސައްކަތް ކުރެވެމުން ދަނީ،" އިންޓަނެޓް ބޭނުންކުރުމުގައި ލުއި ދިނުމަށް ސަރުކާރުން ވިސްނަނީ ކިހިނެތްތޯ ސުވާލުކުރުމުން މަބްރޫކު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، މިދުވަސްވަރު އިންޓަނެޓް ބޭނުން ކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމުގައި ލުއިތަކެއް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ދެ ތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމާ ގުޅޭގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ. އެ ބޭފުޅުން ހާޒިރު ކުރަން އެދުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

ރާއްޖޭގައި އިންޓަނެޓުގެ އަގުބޮޑުވާތީ އާންމުން މިހާރު ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް އިންޓަނެޓު އޮޕަރޭޓަރުން ވަނީ ބައެއް ހާއްސަ ލުއިތަކެއް ދީފަ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މަލޭޝިއާގައި ވަނީ އެގައުމު ލޮކްޑައުންކޮށްފައި އޮންނަ މުއްދަތުގައި، އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން، ސަރުކާރާއި ޓެލެކޮމް ކުންފުނިތައް ގުޅިގެން ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް ނިންމާފައެވެ.