28 Mar 2020, 18:58
ހައި ރިސްކު މީހުން ޓެސްޓުކޮށް، ނެގަޓިވް ނުވަނީސް ކަރަންޓީނުން ދޫނުކުރާ ގޮތަށް އުސޫލަށް ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ދެ މީހުން ޕޮޒިޓިވްވި އައިލެންޑް ސަފާރީން އިތުރު ދެ ފަތުރުވެރިން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ ދެފަތުރުވެރިން ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. އެ ދެ ފަތުރުެވެރިން ޓެސްޓު ކުރީ ރީސާޗް ކުރުމުގެ ބޭނުމަށްކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން އެއީ ފިލާވަޅެއް ކަމަށާއި އުސޫލަށް ބަދަލު ގެންނަ ޖެހޭ ނަމަ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ރޭ ވަނީ ވިދާޅުވެފައެވެ.
މިއަދު މެންދުރުފަހު ބޭއްވި އިމަޖެންސީ ރެސްޕޮންސް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކާ ގުޅުގެން އައިޖީއެމްއެޗްގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ، އެ ކޭހުގެ ސަބަބުން ދެން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، ދެން އަމަލު ކުރެވޭނެ ގޮތް ވަރަށް ޔަގީންކޮށް އެނގޭނެ ކަމަށެވެ.
"ހައި ރިސްކު ބައެއް ނަމަ، ކަރަންޓީންކުރެވި، ނެގަޓިވްވެގެން ދެން އެމީހުން ދޫކުރެވޭނީ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ [އަމަލުކުރަމުންދާ އުސޫލު] އެގޮތަށް ބަދަލު ކުރުމަށް. އެ ވިސްނުމައިގެން ކުރިއަށް ދާނީ،" މި މައްސަލާއާ އުސޫލުތަކަށް ދެން ގެންނާނީ ކޮން ބަދަލެއްތޯ ސުވާލުކުުރުމުން ޑރ. މުއާޒު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑރ. މުއާޒު ވިދާޅުވީ، މިހާތަނަށް ދުނިޔޭގައި ސަފާރީއަކުން ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ރާއްޖޭއިން މި ފެނުނީ އަލަށް ކަމަށެވެ. އަދި ސަފާރީގެ ކޮންޓެކްޓްސް ބަލަނީ ހައި ރިސްކް މީހުންގެ ގޮތުގައި ކަމަށް ޑރ. ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަފާރީ މި ބަލަނީ ހައި ރިސްކް ކޮންޓެކްޓްސްތަކެއް ތިބޭނެ ކަމަށް. އެހެންވީމަ މިކަހަލަށް ސިނާރީ އަކަށް މުސްތަގުބަލުގައި ދާއިރު އަމަލު ކުރެވޭނެ ގޮތެއް އިންގޭނޭ [ސާމްޕަލް] ނެގިގެން. އެ ބޭނުމުގައި ކުރި ކަމެއް [ސާމްޕަލް] ނެގުމަކީ،" ޑރ. މުއާޒު ވިދާޅުވިއެވެ
އޭނާ ވިދާޅުވީ، މި ލިބުނު ފިލާވަޅާއެކު ހައިރިސްކް މީހުންގެ ގައިގައި ވައިރަސް ނެތް ކަން ޔަގީން ކުރުމަށް އެ އެންމެވެސް ޓެސްޓު ހެދުމަށް އުސޫލަށް ބަދަލު ގެނައުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އައިލެންޑް ސަފާރީގައި ޖުމްލަ 32 މީހަކު ތިއްބެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، އެ އެންމެންގެ ވެސް ޓެސްޓު ހަދައި ނަތީޖާ ލިބިފައިވާ ކަމަށެވެ. މީގެ ކުރިން ޕޮޒިޓިވި ހަތަރު މީހުން ފިޔަވާ އިތުރު މީހަކު ޕޮޒިޓިވް ނުވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާތަނަށް ވައިރަހާ ގުޅިގެން އަޅާފައި ހުރީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެެއް ކަމަށާއި މުސްތަގުބަލުގައި އިތުރަށް ހަރުދަނާ ކުރަން ހުރި ކަންކަން ރަނގަޅު ކުރަމުންދާނެ ކަމަށެވެ.
"އަޅުގަނޑު މިތާގައި މަސައްކަތް ކުރާ ޓީމަށް އޮތް އިތުބާރު ދޫކޮށެއް ނުލާނަން. ރަނގަޅު ވާހަކައެއް، ކަންކަން ބަދަލުވާއިރު، ޕޮލިސީތައްވެސް އަޕްޑޭޓް ވާން ޖެހޭ. އެކަން ކުރުމުގެ ތެރޭގައި މިއުޅެނީ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އެޅިފައި ހުރި ފިޔަވަޅުތައް، [އަދި] އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިރާދަކުރެއްވިޔާ ހުރީ ރަނގަޅަށް. ދެން ކުރިއަށް އޮތްތާގައި އަޕްގްރޭޑް ކުރަމުން ރަނގަޅު ކުރަމުން ދާނީ،" މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަބްރޫކު ވިދާޅުވީ، މިކަމުގައި ސަރުކާރުން ފޮރުވަން އޮންނާނެ ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ މައުލޫމާތެއް ސިއްރުނުކޮަށް ހާމަ ކުރައްވާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށްވެސް މަބްރޫކު އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުމެން ކަމެއް ފޮރުވަން އޮތް ނަމަ ކީއްކުރަންތޯ ދައްކަންވީ، ސާމްޕަލްއެއް ނެގި ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް އައިސް ބުނީ. އޭނާ ދިޔަފަހުން އޭނަ އަލާމާތްތައް ފެނުނީއޭ ކިޔާ ދޫކޮށްލައިގެން ތިބެންވީ ނޫންތޯ. ނަމަވެސް އެކަންތަައް ކުރަނީ [ސިއްރުނުކޮށް މައުލޫމާތު ހާމަ ކުރަނީ] އަޅުގަނޑުމެން ބޭނުމެއް ނެތް އެއްވެސް ކަމެއް ފޮރުވާކަށް،" މަބްރޫކު ވިދާޅުވިއެވެ.
އައިލެންޑް ސަފާރީން އެންމެ ފުރަތަމަ ދެމީހުން ޕޮޒިޓިވްވީ މިމަހު 15 ވަނަ ދުވަހުއެވެ. އެ ސާފާރީ ކަރަންޓީން ކުރީ މިމަހު 13 ވަނަ ދުވަހު ކަމަށް މީގެ ކުރިން މަބްރޫކު ވިދާޅުވިއެވެ.
ކޮރޯނާވައިރަހަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 16 އެވެ. އޭގެ ތެރެއިން ފުރައިގެން ދިޔަ ދެ ފަތުރުވެރިން ނުލާ ރާއްޖޭގައި ތިބީ 14 މީހެކެވެ. އެމީހުންގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ފަރުވާ ހޯދަމުން އަންނަނީ ތިން މީހެކައެވެ. އޭގެ ތެރެއިން އެކަކީ ދިވެއްސެކެވެ.