28 Mar 2020, 18:27
ކޮރޯނާ އާއި ގުޅިގެެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި ވީނަމަވެސް، މަތީ ގްރޭޑުތަކުގެ ކުދިންނަށް ހާޢްސަކޮށްގެން ކުރިއަށްގެންދާ ޓެލިކިލާސް މާދަމާ އިން ފެށިގެން އަނެއްކާވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މީގެ ކުރިން ސްކޫލުތައް ބަންދުވުމާއެކު މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޓެލިކިލާސްތައް މެދުކަނޑާލީ މި މަހުގެ 19 އިން ފެށިގެން ސަރުކާރު ބަންދުވުމާ ގުޅިގެންނެވެ.
ނަމަވެސް މި ފެށޭ ހަފްތާވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވާތީ އެޑިއުކޭޝަނުން މިއަދު ބުނީ މާދަމާ އިން ފެށިގެން ބައެއް ގްރޭޑުތަކުގެ ދަރިވަރުންނަށް ޓެލިކިލާސްތައް ފަށާނެ ކަމަށެވެ.
އެ މިނިސްޓްރީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުގައި އާންމުކޮށްފައިވާގޮތުން މާދަމާ ޔެސް ޓީވީ އިން ގްރޭޑު 10 ގެ ދަރިވަރުންނަށް ހާއްސަ ކްލާސްތަކެއް ކުރިއަށްގެންދާނެއެވެ. އަދި އޭއެސް ލެވެލްގެ ދަރިވަރުންނަށް ހާއްސަ ކްލާސްތަކެއް ދިވެހިޗެނަލް (މީޑިއާ ނެޓް 121 އަދި ދިރާގުޓީވީ 1017) އިން ކުރިއަށް ގެންދާނެއެވެ.
މާދަމާ ނަގައިދޭނެ ފިލާވަޅުތަކާއި ގަޑިތައް ވެސް މިނިސްޓްރީ އިން ވަނީ އާންމުކޮށްފައެވެ.
ދިރާގާއި އުރީދޫ އާއި ގުޅިގެން ގްރޭޑު ހަތަކުން މަތީގެ ދަރިވަރުންނަށް ހާއްސަ ޑޭޓާ ޕެކޭޖެއް ދިނުމަށް ވެސް މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. މީގެ ބޭނުމަކީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިޔުންކަމަށް ބުނެފައިވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ފުރަތަމަ ޓާމުގެ މިޑްޓާމް ބްރޭކަށްފަހު ކިޔެވުން ފަށައިފައެއް ނުވެ އެވެ.
ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދު ކޮށްފައިވާއިރު މިއަހަރުގެ މެއި/ޖޫން އެޑެކްސެލް އިމްތިހާނުވެސް ވަނީ ފަސްކޮށްފައެވެ.