ސްޕެނިޝް ކޮޕާ ޑެލްރޭ ގެ ހަތަރު ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ދިހަ ކުޅުންތެރިންނާ އެކު ކުޅެ ޕޮންފެރަޑިނާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ހޯސޭ ކަލެޔޮން އެވެ. ތިންވަނަ ޑިވިޝަންގެ ޕޮންފެރަޑިނާ އާއި ދެކޮޅަށް ރެއާލް ކުޅުނު މިމެޗުގެ 69 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ރައުލް އަލްބިއޯލް އަށް ދެއްކި ރަތް ކާޑާއި ގުޅިގެން އެކުލަބު ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެހެން ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި ރެއާލް ގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ލީޑު ފުޅާ ކޮށްދީފައި ވެއެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މިމުބާރާތުގައި ރޭ ޖުމްލަ ފަނަރަ މެޗު ކުރި އަށް ދިޔަ އެވެ. އެގޮތުން ރޭ ކުޅުނު ގިނަ މެޗުތަކަކުން އާދަޔާ ޚިލާފު ނަތީޖާ ތަކެއް ފެނިފައި ވެއެވެ. އެތްލެޓިކޯ މެޑްރިޑާއި އަލްބެޗެޓޭ މެޗު 1-1 ލަނޑުން ނިމިފައިވާ އިރު، އެތްލެޓިކް ބިލްބާއޯ އާއި ރެއާލް އޮވިއެޑޯ ކުޅުނު މެޗު ވެސް ނިމިގެންދިޔައީ 1-1 ލަނޑުން ނެވެ.

ވެލެންސިއާ އާއި ކަޑިޒް ކުޅުނު މެޗު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ލަނޑުންނެވެ. ވިލަރެއަލް އާއި މިރެންޑޭސް ބައްދަލުކުރި މެޗު 1-1 ލަނޑުން ނިމިގެންދިޔަ އިރު، ރެއާލް ޒަރަގޯޒާ އާއި އޭޑީ އަލްކޮކޯން ބައްދަލު ކުރި މެޗުވެސް ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.