28 Mar 2020, 17:53
އިންޑިއާ އިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނެސްފިއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޑިއާ އިން ބައެއް ތަކެތި އެކްސްޕޯޓު ކުރުން ހުއްޓާލާފައި ވީނަމަވެސް، ރާއްޖެއަަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.
އިންޑިއާ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެގައުމުން މުދާ ބޭރުކުރުމުގައި ދަތިތަކެއް ހުރިނަމަވެސް، މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބޭނެކަމަށް އިންޑިއާ ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އެގޮތުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން ގެނައި 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިމާރާތްކުރުމުގެ ސިނާޢަތަށް ހުއްޓުމެއް އަޔަނުދިނުމަށް ގެންނަ 5000 މެޓްރިކް ޓަނުގެ ސިމެންތިވެސް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ބައެއް ބަނދަރުތަކުން މުދާ ބަރުކުރުމުގައި ދަތިތަކެއް ދިމާވިނަމަވެސް ރާއްޖެއަށް ބޭނުންވާ މުދާ މެދުކެނޑުމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. މީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ބޭސް ގެނައުމުގައި ވެސް ދައްޗެއް ނުވާނެ ކަމުގެ ޔަގީން ކަން އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.