29 Mar 2020, 10:07
ރާއްޖޭގައި ކޮވިޑް19ގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19އާ ގުޅިގެން ރާއްޖޭން ސަލާމަތީ ފިޔަވަޅުތަކެއް އެޅި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދަނީ ކުދިކުދި ކޮޓަރިތަކެއްގައި ކަމަށާއި ބައިބޯވެ ތޮއްޖެހުމުގެ ސަބަބުން އެމީހުންނަށް މި ބަލި ޖެހި، ފެތުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑެ ކަމަށްވުމާ އެކު މި ދަނޑިވަޅުގައި އެންމެ ނާޒުކު ބައެއްގެ ގޮތުގައި ބެލެވެނީ ބިދޭސީ މަސައްކަތްތެރިން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބިދޭސީން މާލޭގައި ދިރިއުޅޭ ކޮޓަރިއެއް--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މީގެ އިތުރުން ބިދޭސީންނަށް ހެލްތު އިންޝުއަރެންސްއާއި ސިއްހީ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޤާނޫނީ ގޮތުން ވަޒީފާދޭ ފަރާތުން ބިދޭސީ މަސައްކަތްތެރިންގެ ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ލާޒިމުކުރި ކަމުގައިވީ ނަމަވެސް މި ކަން ތަންފީޒުކުރާ މިންވަރު ދަށް ކަމަށާއި މިކަމުގެ މައުލޫމާތު ގިނަ ފަހަރަށް ބިދޭސީންނަށް ފޯރުކޮށްނުދޭ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ހަމައެއާ އެކު ވަޒީފާދޭ ފަރާތްތަކުން ގާނޫނާ ހިލާފަށް ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ފަދަ ލިޔެކިޔުންތައް ހިފަހައްޓާ ކަމަށާއި މީގެ ސަބަބުން އެމީހުންނަށް ސިއްހީ ހިދުމަތްތައް ހޯދުމާއި ލިބިގަތުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ނަތީޖާއެއްގެ ގޮތުން ބިދޭސީން އާންމު ގޮތެއްގައި ސިއްހީ ހިދުމަތްތައް ހޯދަނީ އާންމުންނަށް ވުރެ ބޮޑު އަގުގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މާޗު 11ވަނަ ދުވަހު ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކޮވިޑް19 ކްލިނިކެއް ހުޅުމާލޭގައި ވަނީ ހުޅުވާފަ އެވެ. އެއްވެސް ލިޔެކިޔުމެއް، ހުއްދައެއް ދެއްކުމެއް ނެތި އެތަނުން ހިދުމަތް ދޭން ނިންމި ނިންމުން ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ބަލައިގެންފަ އެވެ.
ނަމަވެސް އެތައް ހާސް ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކަމަށްވުމާ އެކު އެ ކްލިނިކާ ހަމައަށް ދަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ކޮވިޑް19 ފެތުރުން ހުއްޓުވަން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކުގެ ހައްގު ކަށަވަރުކުރަން އދ.އިން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިނުވާ ކަން ފާހަގަކޮށްފައިވެ އެވެ.
އެ މުއާހަދާގައި ބައިވެރިވެ އޭގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ގޮވާލާފަ އެވެ.
މިފަދަ ދަނޑިވަޅެއްގައި ކަމާބެހޭ އިދާރާތަކުން ތަފާތު ކުރުމެއް ނެތި ހުރިހާ ފަރާތްތަކަށް ވެސް ސިއްހީ ފަރުވާ ލިބޭނެކަން ޔަގީން ކުރަންޖެހޭނެ ކަމަށާއި ބަންދުކޮށް ނުވަތަ ގައުމަށް ޑީޕޯޓުކޮށްލާނެކަމުގެ ބިރަކާ ނުލައި ބިދޭސީންނަށް ވެސް ސިއްހީ ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެ އެވެ.
ރާއްޖޭން ކޮވިޑް19 އެންމެ ފުރަތަމަ ފެނުނީ މާޗް ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ޖުމުލަ 16 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 11 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
ބާކީ ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުންދާއިރު، އަނެއް ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖޭގައި ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހު ފުރައިގެންދިޔަ ފަހުންނެވެ.