ޗެލްސީގެ އައިވަރީ ކޯސްޓް ފޯވާޑް ޑިޑިއޭ ޑްރޮގްބާ އަކީ އެ ކުލަބަށް ޕްރެމިއާ ލީގު ކާމިޔާބުކުރުމުގެ ތަޅުދަނޑި ކަމަށް އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ރައުލް މެރީލޭސް ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޗެލްސީ ކާމިޔާބު ކުރި ޕްރެމިއާ ލީގު މެޗުގެ ސަބަބުން އެކުލަބު ވަނީ ލީގުގެ އެއްވަނާ ގައި އޮތް މެންސިޓީ އާއި ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. އެމެޗު ޗެލްސީ ކާމިޔާބުކުރީ ބަލޮޓެލީ މެންސިޓީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ފަހަތުން އަރައި މޮޅުވެގެންނެވެ.

ފަހަކަށް އައިސް ޑްރޮގްބާ އަކީ ޗެލްސީގެ ކާމިޔާބީގައި ބޮޑު ހިއްސާ އެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ނިއުކާސަލް އާއި ބައްދަލުކޮށް 3-0 ލަނޑުން މޮޅުވި ޕްރެމިއާ ލީގު މެޗާއި، ވެލެންސިއާ އަތުން މޮޅުވި މެޗުގައި ކާމިޔާބު ލިބުމުގެ ބޮޑު ދައުރެއް އަދާކުރީ ޑްރޮގްބާ އެވެ.

"ޑްރޮގްބާ އަކީ ޓީމުގެ ތަޅުދަނޑި. ޑްރޮގްބާ އާއި އޭނާގެ ގޯލުތަކުގެ ބޭނުންތެރިކަން ކުލަބަށް ވަރަށް މުހިންމު. އޭނާ ވަނީ ވެލެންސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެލަނޑު ކާމިޔާބު ކޮށް އަދި ނިއުކާސަލް އާއި ދެކޮޅަށް ވެސް މުހިންމު ލަނޑެއް ކާމިޔާބު ކޮށްދީފައިވޭ. ލީގު ހޯދުމަށް ޑްރޮގްބާގެ ބޭނުން ވަރަށް ބޮޑު. ކުލަބު ބޭނުންވަނީ މިސީޒަނުގެ ލީގު ކާމިޔާބު ކުރަން." މެރީލޭސް ބުންޏެވެ.