28 Mar 2020, 08:39
ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 19،000 ޓެސްޓް ކިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް، ކޮރޯނާވައިރަހުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުުވީ މިވަގުތު 3،000 އަށް ވުރެ ގިނަ ޓެސްޓު ކިޓް އެބަހުުރި ކަމަށާއި އިތުރު 5،000 ކިޓް ހަދިޔާ ކުރާނެކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯއިން ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ ރާއްޖެއަށް 10،000 ކިޓް ހަދިޔާ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކަމަށާއި ޗައިނާގެ ސަރުކާރުން ވެސް 10،000 ކިޓް ހަދިޔާ ކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 5،000 ޓެސްޓް ކިޓް ހަދިޔާ ކޮށްފަ އެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ޓެސްތުތައް ހެދީ އިންޑިއާ އަށް ފޮނުވައިގެންނެވެ. ނަމަވެސް ނަތީޖާ ލިބުމުގައި ލަސްވާތީ އެ ދަތިތައް ފިލުވުމަށް ޑަބްލިއުއެޗްއޯގެ އެހީގައި އައިޖީއެމްއެޗުގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ފަހުން ހަމަޖެއްސި އެވެ.
ރާއްޖެއިން މިހާތަނަށް 16 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ.