ރާއްޖޭގައި ދިނީ މިނިވަން ކަމަށް ގޮވައިލައި މިދިޔަ ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު އަޑު އުފުލި މައްސަލައާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް މީހުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނުން މަނާކޮށްފައިވާ ކަމެއް އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި ބަޔަކު ކޮށްފައި ވާތީ، އެކަންތައް ހިނގި ހިސާބުން ފެށިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހްގީގަށް ބައެއް މީހުން ހާޒިރުކޮށް ސުވާލުކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ހާޒިރުކުރީ ކިތައް މީހުން ކަމެއް އަދި ކޮން ބައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"ދީނީ މިނިވަން ކަމަށް ގޮވާލި މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ހައްޔަރު ކުރަންޖެހިއްޖެ ނަމަ ހައްޔަރު ވެސް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 30 ވަރަކަށް މީހުންގެ ގްރޫޕަކުން މިދިޔަ ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި ރާއްޖޭގައި ދީނީ މިނިވަން ކަން އޮންނަން ޖެހޭ ކަމަށް ގޮވައިލައި އަޑުގަދަ ކުރަން ފެށުމުން އެ ސަރަހައްދުގައި ތިއްބި ބަޔަކު ވަނީ އެއްވި މީހުންނާ ދިމާލަށް އޮއްގާ އުކައި، މާރާމާރީ ހިންގައިފަ އެވެ.

ދީނީ މިނިވަން ކަމަށް ގޮވާލި މައްސަލާގައި އަދާލަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޣައިރު ދީނަށް ގޮވާލާނެ ކަމަށް ފާޅުގައި ސޯޝަލް ނެޓްވޯކްތަކުގައި، އެއްވި ބައެއް މީހުން ގޮވާލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެކަމާ މެދު ފިޔަވަޅު އަޅާފައިނުވާތީ އަދާލަތުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެކަން ފުލުހުން ބަލަނީ ވަރަށް ފެންގޮތަކަށެވެ.