ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ތާޖު އެގްޒޯޓިކާ ރިސޯޓުން ފެނުމާއެކު އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރެވޭނެ ކަމަށާއި އޭނާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަނުގައި ކަމަށެވެ.

މީގެ އިތުރުން ފިލިތެޔޮ ރިސޯޓާއި ރެޒިޑެންސް މޯލްޑިވްސް ދިގުރަށުން ވެސް ބައްޔަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން އެ ދެ ރިސޯޓު ވެސް ދަނީ މޮނީޓާ ކުރަމުންނެވެ. ފިލިތެޔޮ ރިސޯޓުން ބައްޔަށް ޝައްކު ކުރެވޭ ދިވެއްސަކާއި ބިދޭސީއަކު ފެނުނި އިރު ރެޒިޑެންސް ދިގުރަށުން ފެނުނީ ދެ ދިވެއްސެކެވެ. އެ މީހުންގެ ޓެސްޓު ހެދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސް ޖެހިފައިވާ 16 މީހަކު ފެނިފައިވާއިރު ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަން އިއްޔެ އިއުލާނު ކުރި އިރު އިއްޔެ ރާއްޖެއިން ފުރި އިޓަލީގެ ދެމީހަކު ފުރިފަހުން އެމީހުންްގެ ޓެސްޓުގެ ނަތީޖާ ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.