28 Mar 2020, 08:35
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް ޔޫއޭއީގައި ހުރި ދިވެއްސަކު ޕޮޒިޓިވްވިކަން އަދި ސާފު ނުވާކަމަށް ސަރުކާރުން ބުނެފި އެވެ.
އިއްޔެ މެންދުރު ބޭއްވި ޕްރެސްކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަމީން ވެސް ވަނީ އެފަދަ މައުލޫމާތެއް އެގައުމުގެ ރަސްމީ ފަރާތަކުން އަދި ހިއްސާ ކޮށްފައި ނުވާކަމަށް ވިދާޅުވެފަ އެވެ.
ފޮރިން މިނިސްޓްރީ ގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ޔޫއޭއީގަައި ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އަދި ރަސްމީކޮށް އެނގިފައި ނުވާކަމަށް ވިދާޅުވެފަ އެވެ.
ޔޫއޭއީގެޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީން މީގެ ތިން ދުވަސްކުރިން ރިޕޯޓުކޮށްފައިވާގޮތުން އެގައުމުން އެދުވަހު އަލަށް ފެނުނު ކޮރޯނާވައިރަހުގެ 50 އާ ކޭހުގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ.
މީގެ އިތުރުން ސްރީލަންކާ، ސައުދީ އަރަބިއްޔާ، ޔަމަން، ޓިއުނީޝިއާ، ދެކުނު އެފްރިކާ، ބެލްޖިއަމް، ދެކުނު ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކްރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާނު، ކެންޔާ، ސޫދާން، އިރާނު، އަޔަލެންޑު، މޮރޮކޯ، ޕާކިސްތާނު، ސްވީޑަން؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން އެކަކާއި އިޓަލީ، މިސްރު، ޔޫއޭއީ، ސްޕެއިން، ނެދަލެންޑްސް، ޖޯޑަން އަދި ފިލިޕީންސް؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން ދެ މީހަކާއި އެމެރިކާ، ބަންގްލަދޭޝް އަދި ފަލަސްތީނު؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން ތިން މީހަކާއި އިންޑިއާގެ ހަ މީހުންވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވިކަން އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ޔަގީންކޮށްދީފަައި ނުވާ ކަމަށެވެ.