14 Dec 2011, 16:18
އިޒުރޭލާއެކު ރާއްޖެ އިން ގުޅުން ބަދަހި ކުރަމުން ގޮސް އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިސްރާއީލް" ރާއްޖެ އަށް އުދުހުމުގެ ހުއްދަ ދިނުމަށް ފަހު، އިޒްރޭލުގެ ދަތުރުތައް މިމަހު ރާއްޖެއަށް ފަށާތީ ކަމާ ގުޅޭ އިދާރާތައް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
އިޒްރޭލުގެ ދަތުރުތައް ރާއްޖެއަށް ފަށާ މައްސަލަ ކޮމެޓީން ތަހުގީގު ކުރަން ނިންމީ އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ޑރ. މައުރޫފު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އިޒްރޭލުން ރާއްޖެ އަށް އުދުހެން ފަށައިފި ނަމަ ހަނގުރާމަވެރިންގެ ލޯތައް ރާއްޖެއާ ދިމާލަށް ހުޓޭނެ ކަމަށާއި ޓެރެރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިގަން ފަށާފާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށެވެ.
އަދާލަތުން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ކޮމެޓީގައި ބަހުސް ކުރައްވަމުން ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު ވިދާޅުވީ އިޒުރޭލުގެ ދަތުރުތައް ފެށުމުން ޓޫރިޒަމަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށެވެ. އަދި ގިނަ ގައުމުތަކުން ގުޅުން ކަނޑާލާފައިވާ ގައުމެއްގެ މަދު ފަތުރުވެރިންކޮޅެއް ރާއްޖެ ގެނެސްގެން ގައުމުގެ މަސްލަހަތު ގެއްލެން އެކަކުވެސް ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އެއާލައިން ހުޅުލެއަށް ޖައްސާ ވަގުތު ހުޅުލޭ ރަންވޭގެ ދެކޮޅުގައި ދެ ކޯސްޓްގާޑް ފޯރި މެރުމާއި ބަރު ހަތިޔާރު އެޅި އުޅަނދެއް ރަންވޭ މަތީގައި އޮތުމާއި ހަތިޔާރު އެޅި ސިފައިން ޓާމިނަލްގެ ތެރޭގައި ތިބޭނެ ކަމަށް އަދާލަތުން ތުހުމަތުކޮށްފައި ވާތީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ގައުމީ ދިފާއީ ބާރުތަކުގެ ވެރިން ކޮމެޓީއަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކާއެކު ހާޒިރު ކުރާނެ ކަމާބެހޭ އިދާރާތައް ކަނޑައަޅާނީ ދެން އޮންނަ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.
އިޒްރޭލުގެ ފުލައިޓްގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ޔަހޫދީން ރާއްޖެއަށް އައިސްފައިވާ ތަފާސްހިސާބުތައް ބަލަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ އަގީދާއަށްކޮށްފައިވާ އަސަރު އިސްލާމިކް މިނިސްޓްރީ ބަލަންޖެހޭ ކަމަށެވެ. އަދި ޔަހޫދީންނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު ގެންގުޅެން ޖެހޭ އުސޫލްތައް ވެސް ދިވެހިންނަށް އެނގެން ޖެހޭނެ ކަމަށް މަޑަވެލި ނާޒިމް ވިދާޅުވި އެވެ.
ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ހުރި ފަރަގު ދެނެގަތުމަށް ދީނީ އިލްމުވެރިންގެ ފަތުވާ ކޮމެޓީއަށް ބޭނުންވާ ކަމަށް އިޝަރާތް ކުރައްވާ ނާޒިމް ވިދާޅުވީ އިޒްރޭލުގެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައި ޑރ. މައުރޫފު ކޮމެޓީއަށް ހާޒިރުކޮށް އެ ސުވާލުތަކުގެ ޖަވާބު ހޯދަންޖެހޭ ކަމަށެވެ.
މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ އަދާލަތުގެ ސިޓީގައި އިޒްރޭލާ ރާއްޖެއިން ގުޅުން ބަދަހި ކުރުމަށް ކުރާ ހުރިހާ ތުހުމަތުތަކެއް ވެސް ބަލަންޖެހޭ ކަމަށެވެ. އަދި އެކަން ދިރާސާ ކުރުމަށްފަހު 100 ޕަސެންޓް މުސްލިމް ގައުމަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ދުރާލާ ތައްޔާރުވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީގައި އަދާލަތުން ހުށަހެޅި މައްސަލަތަކުގައި ބުނެފައި ވަނީ ދިއްފުށީ މާދޫގައި ހަދަމުންދާ ޕޮލިސް އެކެޑަމީއަކީ އިޒްރޭލާ ގުޅިގެން ހަދަމުންދާ ތަނެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އިޒްރޭލުގެ މީހުންނަށް ރާއްޖޭގެ ރަށްތައް ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އަދާލަތުން ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ދަތުރުތައް މި މަހުގެ 12ގައި ފަށާނެ ކަމަށެވެ. ޓްރާސްޕޯޓް މިނިސްޓާ އާދިލް ސަލީމް ވިދާޅުވި އިޒުރޭލުގެ އެލްއަލް އިސްރާއިލް ފުލައިޓް ރާއްޖެއަށް އުފުހުމުގެ ހުއްދަދީފައިވާ ކަމަށާއި ނަމަވެސް އެ ފުލައިޓްތައް އުދުހޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.