14 Dec 2011, 16:08
އޮޑިޓާ ޖެނެރަލް އޮފީހުން ހުށަހެޅި 48.1 މިލިޔަން ރުފިޔާގެ ބަދަލުގައި، 2012 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ދޭން ރެކޮމެންޑް ކުރި 32.3 މިލިޔަން ރުފިޔާގެ ބަޖެޓަކީ އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް 2012 ވަނައަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓްގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް 32.3 މިލިޔަން ރުފިޔާ ދިނުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މެންބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ 2012 ވަނަ އަހަރަށް އޮޑީޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅީ 71 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ބަޖެޓް ބޮޑުކަމުން އަލުން ރިވައިޒް ކުރުމަށްފަހު އޮޑިޓް އޮފީހުން 62 މިލިޔަން ރުފިޔާގެ ބަޖެޓެއް ކޮމިޓީއަށް ހުށަހެޅި ކަމަށެވެ.
އަދި އެބަޖެޓް ސަބް ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހު އޮޑިޓް އޮފީހުގެ އާ އިމާރާތަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާ އާއި މުވައްޒިފުންގެ އަދަދު މަދު ކުރުމަށް ފައިސާ އުނިކުރުމަށްފަހު 48.1 މިލިޔަން ރުފިޔާގެ ބަޖެޓެއް ސަބް ކޮމިޓީން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި 32.3 މިލިޔަން ރުފިޔާ އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓްގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރީ 48.1 މިލިޔަން ހަމަކުރަންބޭނުންވާ 15 މިލިޔަން ރުފިޔާ، އޮޑިޓާ ޖެނެރަލް ބޭނުންފުޅުވާ ހިނދެއްގައި ފިނޭންސް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެފަރާތަށް ދޫކުރާގޮތަށް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
"މާލިއްޔަތު ކޮމިޓީން ނިންމީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީއަށް ދޭން ފެންނަ ފައިސާ، އެއީ 32.3 މިލިޔަން ރުފިޔާ. ހަމަ އެއާއެކު ސަބް ކޮމިޓީން ފާސްކުރި 48.1 މިލިޔަންގެ ތަފާތަށްވާ 15 މިލިޔަން އެއީ އޮޑިޓާ ޖެނެރަލް ބޭނުންވާ ހިނދެއްގައި ފިނޭންސް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ވާހަކަ ދެއްކުމަށްފަހު، ބަޖެޓްގައި ހިމެނިފައި ނެތަސް ދޫކުރާގޮތަށް، ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮސްފައި،" ޣަފޫރު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ކުރިއަށް ގެންދިޔަ ބަހުސްގައި، އޮޑިޓް އޮފީހުގެ ބަޖެޓް ކުޑަކޮށްފައިވާތީ ބައެއް މެންބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފޮނުވި އަދަދަށް ބަޖެޓް ދޫކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީސް ފަދަ ސަރުކާރު ޒިންމާދާރު ކުރުވަންތިބި މުވައްސަސާތަކަށް ބަޖެޓް ދިނުމަށް މި ސަރުކާރު ވެރިކަމަށް އައިއްސުރެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އޮޑިޓާ ޖެނެރަލްގެ އޮފީޙުން ފޮނުވި އަދަދަށް ބަޖެޓް ދޫކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަން. އެއީ ކަންބޮޑުވެ ހިތާމަކުރަންޖެހޭ ކަމެއް. ސަރުކާރު ޒިންމާދާރު ކުރުވަންތިބި ފަރާތްތަކަށް ފައިސާ ދޫނުކުރުމަކީ މި ސަރުކާރު އައިއްސުރެ ހިންގަމުންގެންދާކަމެއް. އޮޑިޓް އޮފީހަށް ބަޖެޓް ދޫނުކުރުމަކީ އެމްޑީޕީ މެންބަރުން އެދޭގޮތް،" ރިޔާޒު ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބޮޑު ބަޖެޓް ދިފާއު ކުރުމަށް އޮޑިޓާޖެނެރަލް ވަރުގަދަކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އޮޑިޓާޖެނެރަލްބޭނުން ވާވަރަށް ފައިސާދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފާސްކުރަނީ ކުޑަކުޑަ ބަޖެޓެއްނޫން އެއްބަޔަކު ކިޔާނަމަ 14 ބިލިޔަން އަނެއްބަޔަކު ކިޔާނަމަ 17 ބިލިޔަން މީގެ ހަގީގީ އަދަދެއް މަޖިލީޙުގައިތިބި 77 މެންބަރުންނަށް ވެސް ދިރާސާތަކުން ނޭނގެ. އެހެންވީމަ މިވަރުގެ ބޮޑު ބަޖެޓެއް ދިފާއު ކުރުމަށްޓަކައި އެބަޖެހޭ އޮޑީޓާ ޖެނެރަލް ވަރަށް ވަރުގަދަކުރަން. އެބޭފުޅާ ބޭނުންވާ އަދަ ފައިސާދޭންޖެހޭ. އޮޑީޓާޖެނެރަލަށްދޭ ފައިސާ އަކީ، އެންޓިކޮރަޕްޝަން ކޮމިޝަނަށްދޭ ފައިސާ އަކީ ގެއްލިގެންދާ ފައިސާތަކެއްނޫން. އެއީ ވަގަށްނަގާ ފައިސާތައް ހިމާޔަތް ކުރީމާ އޭގެ ދިހަ ގުނަ ބަޖެޓަށް އިތުރުވެގެންދާނެ. 60 މިލިޔަން ރުފިޔާ އޮޑިޓާ ޖެނެރަލަށް ދީފިއްޔާ މިތިބަ ވަގުންގެ އަތުން އޮޑީޓާޖެނެރަލް ހިމާޔަތް ކުރާނެ ގާތްގަނޑަކަށް އެއްބިލުޔަން ރުފިޔާ،" ސަލީމް ވިދާޅުވި އެވެ.
އޮޑިޓް ޤާނޫނުގައި ބުނަނީ، އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މާލީ އަހަރެއް ފެށުމުގެ 90 ދުވަސް ކުރިން، އޮޑިޓަރ ޖެނެރަލް އެ އަހަރަކަށް ކަނޑައަޅާ މަސައްކަތު ޕްރޮގްރާމެއް ހިމެނޭ ޕްލޭނަކާއި އެޕްލޭންގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާނޭ ތަފްސީލު ބަޖެޓެއް ތައްޔާރުކޮށް، މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ފޮނުވަންވާނެކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލް ހުށަހަޅާ ބަޖެޓް އެކޮމިޓީން ދިރާސާކޮށް، އެކޮމިޓީއަށް ފެންނަ ބަދަލުތައް ގެނައުމަށްފަހު، ކޮމިޓީގެ ރިޕޯޓަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅަންވާނެ ކަމުގައިވެސް ބަޔާން ކޮށްފައިވެއެވެ.