ދުނިޔެއާއި ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ދިން އެހީގެ ފުރަތަމަ ޝިޕްމަންޓްރައް ރާއްޖެ ގެނެސްފި އެވެ.

ޗައިނާއިން ފޯރުކޮށްދީފައިވަނީ އިމަޖެންސީ ސިއްހީ ހާލަތުގައި ބޭނުންކުރަ އާލާތްތައް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދެގައުމު ގުޅިގެން އެއް ބަޔަކު އަނެއް ބަޔަކު މަސައްކަތް ކުރަންވީ ގޮތުގެ ނަމޫނާއެއް ކަމަށެވެ.

އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާއިން މިހާރު ވަނީ ކޮރޯނާ ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. އޭގެ ފަހުން ބަލިފެތުރެމުންދާ އެހެން ގައުމުތަކަށް ޗައިނާއިން މިހާރު ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެއަށް އިންޑިއާއިން ވެސް ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިންޑިއާއިން ދާދި ފަހުން ވަނީ ފޯރުކޮށްދީފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ 14 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ. އެންމެ ފަހުން ފެނުނު ކޭސްއަކީ ރާއްޖެއަށް އިނގިރޭސިވިލާތުން އައި ދިވެއްސެކެވެ.