27 Mar 2020, 16:26
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެމަނިކުފާނު މިއަދު ހާމަކުރައްވައިފި އެވެ.
ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަހުގެ އާންމު އަލާމާތްތައް އެމަނިކުފާނުގެ ކިބައިން ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ޓެސްޓް ހެއްދެވި އިރު، ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު ބައްޔަށް ޕޮޒިޓިވްވިއިރު ފާއިތުވި ދުވަސްތަކުގައި އިނގިރޭސވިލާތުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތޮން އިއްޔެ އެކަނިވެސް 115 މީހަކު މަރުވެ 578 މީހަކު ޖުމްލަ މިހާތަނަށް ވަނީ މަރުވެފަ އެވެ.
ބޮޑުވަޒީރު ވިދާޅުވީ ބަލި ޖެހުނަސް ގޭގައި ހުންނަވައިގެން ސަރުކާރުގެ މަސައްކަތްތައް ވީޑިއޯ ކޮންފަރެންސްއިން މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް މިކަން ނުވާނެޔޭ ހިތަށް ނާރުވާތި. ކޮރޯނާއާ ދެކޮޅަށް ކުރަ މަސައްކަތުގައި ދެމި ހުންނާނަން" ބޮޑުވަޒީރު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޕަބްތަކާއި، ރެސްޓޯރެންޓްތައް ވަނީ ބަންދުވެސްކޮށްފަ އެވެ. ހުދު ބޮޑުވަޒީރުވެސް ވަނީ އާންމުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް އިލްތިމާސްކުރައްވައިފަ އެވެ.