ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ރާއްޖެއިން ދިޔަ އިޓަލީގެ ދެ ޓޫރިސްޓެއްގެ ސާމްޕަލް ރާއްޖެއިން ޓެސްޓްކުރި އިރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ނަތީޖާ ލިބުނީ އެ މީހުން ރާއްޖެއިން ފުރިފަހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައިި މިހާރު އައިސޮލޭޝަންގައްޔާއި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ނިންމާފައި، ފުރައިގެން ދިޔަ އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން މިއަދު ފާހަގަ ކުރެވޭ. އަޅުގަނޑުމެންގެ ކަރަންޓީނު މީހުންގެ ތެރެއިން ހައިރިސްކު މީހުން ފުރައިގެން ދިޔުމުގެ ކުރިންވެސް ސާމްޕަލް ނަގަން އަޅުގަނޑުމެންގެ ރިސާޗަށް ޓަކާ. އެގޮތުން ސާމްޕަލް ނެގި ދެމީހަކު ޕޮޒިޓިވް ވިކަން މިއަދު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދެމީހުން މިހާރު އިޓަލީ އަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ޕޮޒިޓިވްވި އިޓަލީ ދެމީހުންނަކީ ސަފާރީގައި ތިބި ދެމީހުންކަން ފާހަގަ ކުރައްވާ ޑރ. ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާ ބައެއް ކަހަލަ ނިންމުންތައް ނިންމުމަށް، ބައެއް މީހުންގެ ސާމްޕަލް ނަގާ ކަމަށެވެ.

ރާއްޖޭގައި ސަފާރީއަކުން ބަލި ފެނުމުން އޭގައި ތިބި އެންމެން ކަރަންޓީނު ކުރަން ނިންމިކަން ފާހަގަ ކުރައްވާ ޑރ. ވިދާޅުވީ 14 ދުވަހަށްފަހު އަލާމާތެއްގެ ރިޕޯޓު ނެތްނަމަ ދޫކޮށްލާނެ ކަމަށެވެ.

"އެ ޓެސްޓު ހެދީ ރާއްޖޭގެ ކޮންޓެކްސްޓަށްބަލާ ބައެއް ކަހަލަ ޑިސިޝަން ނަގަންވެގެން. މުސްތަގުބަލުގައި ވެސް ޑެސިޝަން ނަގަން އަޅުގަނޑުމެންނަށް ހުންނާނެ އެވިޑެންސް، ކިހާވަރަކަށްތޯއޭ މިގޮތަށް އަޅުގަނޑުމެން ކަރަންޓީނުކުރާ މީހުން ޕޮޒިޓިވް ވަނީ. އެ އުސޫލުން އަޅުގަނޑުމެން މިއަދު ޓެސްޓު ހެދީ. ޓެސްޓު ހެދި އިރު ޕޮޒިޓިވްވީ. އޭރު ވަނީ އިޓަލީގެ މީހުން ރާއްޖެއިން ފުރައިގެން ގޮސްފައި،" ޑޮކްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން އައިލެންޑް ސަފާރީ ކިޔާ ސަފާރީއަކުން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ.

ރާއްޖެއިިން އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސް އެއް ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ މީހަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން ފާހަގަ ވެގެން ޓެސްޓް ކުރުމުންނެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހުގެ 14 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދޫކުރުން ރޭގެ މެންދަމު 12:00 އިން ފެށިގެން ހުއްޓާލާފައިވާއިރު އޭގެ ކުރިން ރާއްޖެ އައިސްފައިވާ ފަތުރުވެރިންނަށް ރާއްޖެ ދޫކޮށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު އެވެ.

ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު ކޮރޯނާވައިރަހަށް އަށް ޕޮޒިޓިވް ވިކަން މިނިސްޓަރު މިއަދު އިއުލާނު ކުރެއްވި އެވެ. އެއީ، މިމަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.