27 Mar 2020, 15:43
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަސް، ކޮވިޑް -19 އަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ފުރައިގެން އައި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ 22 ވަނަ ދުވަހު ރާއްޖެ އައި ގޮތަށް ހުރީ ކަރަންޓީނުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އަކީ، ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ހުރި މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވި ގޮތުގައި އެ ދިވެހި މީހާ އިނގިރޭސިވިލާތުން ރާއްޖެ އައިއިރު އޭނާ ބަލީގެ އަލާމާތެއް ނެތެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު އޭނާގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނިގެން، ޓެސްޓް ހެދި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ސިމްޓޮމްތައް ފެންނަން ފެށީމާ، މިއަދު ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްކަން އަޅުގަނޑުމެންނަށް މި އެނގުނީ،" އަލީ ލަތީފް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދިވެހި މީހާ ކަރަންޓީނުކޮށްފައި ހުރީ ވަކިން އެކަނި ކޮޓަރިއެއްގައި ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓު ވި މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ، ރާއްޖޭގައި ދިވެއްސަކު އެ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ޔޫއޭއީގައި ދިވެއްސަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ގައުމުގެ ސަރުކާރުން އެ މީހާގެ މައުލޫމާތު އަދި ރާއްޖެއަށް ފޯރުކޮށްދީފައެއް ނުވެ އެވެ.
ރާއްޖޭގައި މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި 13 މީހުންނަކީ ހުސް ބިދޭސީންނެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ރަނގަޅުނުވެ ތިބީ، ފަސް މީހެކެވެ.
ނަމަވެސް މިއަދު ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއާ އެކު، ރާއްޖޭގައި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު ހަޔަކަށް އެރީ އެވެ. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އެރީ އެވެ.
ޑޮކްޓަރު މިއަދު ވިދާޅުވީ ހައި ރިސްކު ގައުމަކުން ރާއްޖެ އަންނަ ދިވެހިންގެ ޓެސްޓު ހަދާނީ އެމީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ނަމަ، ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެ އުސޫލު ބަދަލުވެދާނެކަން ޑރ. ފާހަގަ ކުރެއްވި އެވެ.
އޭނާ އަދި ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުން އެ އޮންނަ އުސޫލުތަކަށް އަމަލު ކުރުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ކަރަންޓީނުގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ވަގުތުން ރިޕޯޓް ކުރުމަށް ވެސް އަލީ ލަތީފް އެދިވަޑައިގެންނެވި އެވެ.
"ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތާ އެކީގައި އަދިވެސް އަޅުގަނޑުމެން އުއްމީދު ކަނޑައެއް ނުލަން ރާއްޖ މިކަމުން ސަލާމަތް ކުރުމަށް އޮތް އުއްމީދު،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.