27 Mar 2020, 14:00
ރިސޯޓުން ފޭބުމުގެ ހުއްދަ ނުދީފިނަމަ އަމިއްލަ ނަފުސަށް ގެއްލުން ދޭނަމޭ ބުނި ރިސޯޓް މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވ. ސިނަމަން ވެލިފުށި ރިސޯޓުގައި ހިނގި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ އިންޒާރު ދީފައިވަނީ އެ ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލެޓާއެއް ނުދީފިނަމަ އަމިއްލަ ނަފުސަށް ގެއްލުން ދޭނެ ކަމަށް ބުނެ އެވެ.
އެއާއެކު އޭނާއަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި މަހު 13 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަންގާފައި ވަނީ ރަށްރަށުން މީހުން ރިސޯޓުތަަކަށް ދިޔުމާއި ރިސޯޓުން މީހުން ފޭބުން މަނާކުރުމަށެވެ.