ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ، މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓްގެ އެސިސްޓެންޓް ރަޖިސްޓްރާގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ދ. ކުޑަހުވަދޫ އަންކާރާ، ފާތުމަތު ލަތީފެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 15 އިގަ އެވެ.

ފާތުމަތުގެ ފަރާތުން މައްސަލަ މިއަދު ޓްރައިބިއުނަލަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާތުމަތުގެ އިސް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ފާތުމަތު ވަޒީފާއިން ވަކިކުރީ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން އެކަމާ ދެކޮޅަށް އޭނާ އެ ކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށެވެ.

"ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވާތީ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ދެން އިތުރަށް އަދާ ނުކުރެވޭނެ ކަމަށް ބުނެ ފާތުމަތު ލަތީފް ވަނީ ކޯޓަށް ސިޓީއެއް ފޮނުވާފަ. އެހެންވެ ވަޒީފާއިން ވަކިކުރީ،" ފަރީދު ވިދާޅުވި އެވެ.

ފަރީދު ވިދާޅުވީ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ވަޒީފާ އަދާކުރާ އޮފީހެއްގައި ހިންހަމަ ނުޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމުގެ "ރައުޔު" ފާޅުކުރުމުގެ ހައްގު ލިބިގެންވާކަމަށާއި، ފާތުމަތު ވަޒީފާއިން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާއި، ވަޒީފާއާއި ބެހޭ ގާނޫނާއި އަދި ކޯޓުތަކުގެ ގާނޫނާއި ޚިލާފަށް ކަމަށެވެ.

"ފަނޑިޔާރުގޭގެ ވާހަކަ"އިގެ ނަމުގައި ދެ ފޯރަމެއް ބޭއްވުމުގައި އިސްކޮށް އުޅުއްވެވި ވަކީލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ވަކީލު ވިދާޅުވީ ފާތުމަތުގެ ލަސްކޮށްފައި ހުށަހެޅުއްވީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅުމުގައި ވަޒީފާ އިން ވަކިކުރާ ތާރީޚުން ފެށިގެން 90 ދުވަސް ލިބޭތީ ކަމަށެވެ.

ފަރީދަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ވިދާޅުވެ ކުރިން ދައުވާތައް ކުރެއްވަވާފައިވާ ވަކީލެކެވެ.