27 Mar 2020, 10:30
ކުއާލަލަންޕޫރު (26 މާޗް 2020): ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހުނު ކަމަށް ޝައްކުކުރެވޭތީ މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ރިއާޔަތުއްދީން އާއި އޭނާގެ އަނބިކަނބަލުން ކަރަންޓީނުގައި ހުންނަވަން ޖެހިވަޑައިގެންފި އެވެ.
މެލޭޝިއާގެ ޝާހީ ގަނޑުވަރުގެ ސްޕަވައިޒަރެއްކަމަށްވާ އަހުމަދު ފާޟިލް ވިދާޅުވީ ރަސްގެފާނު ސުލްތާން އަބްދުﷲ ރިއާޔަތުއްދީން އާއި އޭނާގެ އަނބިކަނބަލުން އަޒީޒާ އަމީނާގެ މައިމޫނާ އަށް ރޯގާ ޖެހިވަޑައިގަތުމުން އެއީ ކޮރޯނާ ވައިރަސްކަމަށް ޝައްކު ކުރެވޭތީ އެދެކަނބަލުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޝާހީ ދެކަނބަލުން ކުރި މެޑިކަލް ޓެސްޓްތަކުން އެދެބޭފުޅުންވެސް ކޮރޯނާ ވައިރަސްއަށް ނެގެޓިވްކަމަށް ފާޟިލް ވިދާޅުވި އެވެ.
ޝާހީ ދެކަނބަލުން ޝާހީ ގަނޑުވަރުގެ ވަކި ސަރަހައްދެއްގައި ކަރަންޓީނުގައި ތިއްބަވަނީ 14 ދުވަހަށްފަހު އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދެއްވުމުން ކަމަށް ފާޟިލް ވިދާޅުވި އެވެ. މިއާއެކު މެލޭޝިއާގެ ރަސްގެފާނާއި އޭނާގެ އަނބިކަނބަލުން ވަނީ އެހެން ފަރާތްތަކާ ބައްދަލުކުރެއްވުން ވަގުތީ ގޮތުން މެދުކަނޑާލައްވާފަ އެވެ.
މެލޭޝިއާގެ ޝާހީ ދެކަނބަލުން ކޮރޯނާ ވައިރަސް އާ ގުޅިގެން ކަރަންޓީނުގައި ތިއްބެވިއިރު އިނގިރޭސި ވަލީއުލްއަހްދު ޕްރިންސް ޗާލްސް ވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފަ އެވެ. ޗާލްސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ ކްލޭރެންސް ހައުސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ޗާލްސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދިން ނަމަވެސް އޭނާގެ ހާލުކޮޅު އަދި ގޯސްނުވާކަމަށް ކްލޭރެންސް ހައުސްގެ ތަރްޖަމާނަކު ވިދާޅުވެފައިވެ އެވެ.
ޗާލްސް އާއި އޭނާގެ އަނބިކަނބަލުން ކެމީލާ މިހާރު ތިއްބެވީ ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ގަނޑުވަރުގައި އެކަހެރިވެގެންނެވެ. އެދެބޭފުޅުންގެ ސިއްހީ ހާލުކޮޅު ބެލުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދެ އެވެ.
މިނޫނަސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ގިނަ އަދަދެއްގެ އިސްވެރިންނަށްވަނީ ކޮރޯނާ ވައިރަސް ޖެހިވަޑައިގެންފަ އެވެ. މިގޮތުން އީރާނުގެ ނައިބުރައީސް މައުސޫމާ އިފްތިކާރާއި އެގައުމުގެ ދެވަޒީރުންނަށްވަނީ ކޮރޯނާ ވައިރަސް ޖެހިފަ އެވެ. އަދި ބްރަޒީލްގެ ރައީސް ގަޔޭރު ބޮލްސޮނާރޯ އަށާއި ސްޕޭންގެ ބޮޑުވަޒީރުގެ ނައިބަށްވަނީ ކޮރޯނާވައިރަސް ޖެހިފައިވެ އެވެ. ފަރަންސޭސި ސަގާފަތާބެހޭ ވަޒީރާއި އެގައުމުގެ ޕާލަމެންޓްގެ 10 މެންބަރުންނަށާއި ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ވެސް ވަނީ އެ ވައިރަސް ޖެހިފަ އެވެ.
އެމެރިކާގެ ރައީސާއި ނައިބު ރައީސްވެސްވަނީ ކޮރޯނާ ވައިރަސް ޖެހުނު ކަމަށް ޝައްކު ކުރެވިގެން ޓެސްޓް ތައް ހައްދަވާފަ އެވެ. ނަމަވެސް ޓެސްޓުން ދައްކާފައިވަނީ ނެގެޓިވް ކަމަށެވެ. ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްވެސް ވަނީ ކޮރޯނާ ވައިރަސް ޖެހުނު ކަމަށް ޝައްކު ކުރެވިގެން ޓެސްޓްތައް ހައްދަވާފަ އެވެ.
މީގެއިތުރުންވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ބައެއް އިސް ބޭފުޅުންނަށްވަނީ ކޮރޯނާ ވައިރަސް ޖެހިފަ އެވެ، ނޫނީ އެރޯގާ ޖެހުނުކަމަށް ބެލެވިގެން ޓެސްޓް ކޮށްފަ އެވެ. (ނޫސްއެޖެންސީތައް)