14 Dec 2011, 14:55
ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ކުންފުނި، ޖީއެމްއާރާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ މަކަރާއި ހީލަތުން ފުރިގެންވާ ނުރައްކާތެރި އެއްބަސްވުމެއް ކަމަށް ދުވަސްވީ ވިޔަފާރި ވެރިޔާ އެމްވީކޭގެ މެނޭޖިން ޑިރެކްޓަރު އަދި އެމްވީކޭ މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގައި ޑިއުޓީ ފްރީގެ ވިޔަފާރި ފުރަތަމަ ކުރަންފެށި އަދި ޝަފީގުގެ ވިޔަފާރީގެ ބޮޑުބައެއް ޑިއުޓީ ފްރީ ހިންގުމަށް ބިނާކޮށްފައިވާ ޝަފީގު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުންވެފައިވާ އެއްބަސްވުމަކީ ސަރުކާރުން ހެދި ވަރަށް ބޮޑު "ގޯހެއް" ކަމަށެވެ. އަދި އެއީ ވަކި ކޮޅަކަށް ބުރަވެފައިވާ ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް ކޮށްފައިވާ އެގްރިމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަވަސް އަވަސް ކޮށްލައިގެން އެގްރިމަންޓްކޮށްފައި ލާރިކޮޅެއް ނެގީ. މުޅި އެގްރިމެންޓް އެއޮތީ ވަކި ބަޔަކަށް ނޫނީ ވަކި ކޮޅަކަށް ދީލައިލެވޭ ގޮތަށް. މުޅިން އެއްކޮޅަށް ބަރުވެފައި. ވަކި ބަޔަކު (ރާއްޖެ) ޑޮމިނޭޓް ކުރެވޭ ގޮތަށް. އެކަމަކު އެގްރީމަންޓެއް އޮންނަން ޖެހޭނީ ދެ ފަރާތަށް ހަމަ ހަމަ ރައްކާތެރިކަމާއި ފައިދާ ލިބޭ ގޮތަށް. އެއްކޮޅަށް ބުރަވާ ގޮތަކަށް ނޫން. އަހަރުމެންނަށް ހީކުރެވެނީ އިނގިރޭސިވިލާތު ސްޓައިލަށް ހުރިހާ ކަމެއް މިތަނުގައި ކުރެވޭނެޔޭ. ރާއްޖޭގެ މައިގޭޓް އެގޮތަށް ބޭރުބަޔަކަށް ދިން އިރު ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދޭނެ ގޮތްތަކެއް، ނިޒާމްތަކެއް ހަމަޖެހިފައެއް ނެތް. އެކަމަކު ބޭރު ގައުމުތަކުގައި އެހެންތޯ؟" 30 އަހަރަށް އެއްބަސްވެ އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށް ދޫކުރި ގޮތަށް ފާޑުވިދާޅުވަމުން ޝަފީގު ވިދާޅުވި އެވެ. "މުޅިން ގޯސް އެގްރިމެންޓް، މުޅިން ހީލަތާއި މަކަރު އެއީ. އޮޅުވާލުން. އެއީ ނުރައްކާތެރި އެގްރިމަންޓެއް. މިއަދު އަޅުގަނޑުމެންނަށް މިކަން މިދިމާވީ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދި ވިޔަފާރިވެރިންނަށް ނުރައްކަލެއް،" ޝަފީގު ވިދާޅުވި އެވެ.
ޖީއެމްއާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ޝަފީގުގެ އަލްފާ އެމްވީކޭބީ އާއި އަދި އެހެނިހެން ވެސް ދިވެހި ޑިއުޓީ ފުރީތަކަށް ވަނީ މި އަހަރުގެ ނިޔަލަށް އެތަންތަނުން ނުކުތުމަށް ނޯޓިސް ދީފަ އެވެ. އަދި އެލްފާ އެމްވީކޭބީ އަށް ދީފައި ހުރި ބޮންޑެޑް ވެއާހައުސް ވެސް ވަނީ ޖީއެމްއާރުން އަތުލައިފަ އެވެ.
ޝަފީގު ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރީގެ ދެބައިކޮށްފައި އެއްބައި ހިއްސާ ކުރާ ޑިއުޓީ ފްރީގެ ވިޔަފާރި ހުއްޓާލަން ޖެހުމުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބި އެތައް ބަޔަކު ވަޒީފާ އިން ވަކި ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެތައްބައިވަރު ޑޮލަރުން ގެއްލުންވަމުން އަންނަ އިރު 500 ވަރަކަށް މުވައްޒަފުން ވަޒީފާ އިން ކަނޑާލަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވިޔަފާރިއަކީ ޑިއުޓީ ފްރީ. އަޅުގަނޑު މިއައީ މިއޮތް ހުރިހާ ދުވަހު ދެން ތިބި އެންމެނާ ވާދަކުރަމުން. އެ ވިޔަފާރިން ލިބޭ އެއްޗަކުން ކޮމިއުނިޓީ އަށް ފައިދާ ހުރި ވިޔަފާރި ކުރަނީ. އެއީ ފައިދާވާ ވިޔަފާރިތަކެއް ނޫން. މުޖުތަމައަށް ޓަކައި ކުރަނީ. އެކަމަކު ހަމަ އެއްވެސް ބަލައިލުމެއް ނެތި ކުއްލިއަކަށް ނޯޓިސްދިނީ. ދެން މި ހިސާބުން ކޮބައިތޯ އަޅުގަނޑުމެންގެ ހައްގު. އަޅުގަނޑުމެންގެ ވިޔަފާރި. އެއީ އަޅުގަނޑު މިކުރާ ސުވާލަކީ،" ޝަފީގް ވިދާޅުވި އެވެ. "ޖީއެމްއާރަށް ސަރުކާރުން ދިނީ އެއާޕޯޓު ހިންގަންތޯ ނޫނީ، ހުޅުލެ މުޅި ރަށްތޯ މިއީ އުފެދޭ ސުވާލު. އެބޭފުޅުން އެބަވިދާޅުވޭ މުޅި ރަށް ވެސް އެތަނުގެ ހުރިހާ ވަސީލަތަކީ ވެސް އެބޭފުޅުންގެ އެއްޗެކޭ،"
އެމްވީކޭގެ ވިޔަފާރި އަށް ބޮޑަތި ގެއްލުންތައް ވާން ފެށުމުން ޝަފީގު އިސްކޮށް ހުންނަވައިގެން މިހާރު ވަނީ ޖީއެމްއާރާ ދެކޮޅަށް މުޒާހަރާކުރުމަށް ނިންމައިފަ އެވެ. ޝަފީގު ވިދާޅުވީ އެ މުޒާހަރާގެ މަގުސަދަކީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގެ ނުރައްކާތެރިކަން ދިވެހިންނަށް އަންގައިދީ އެކަމަށް ދިވެހިން ހޭލުންތެރި ކުރުން ކަމަށެވެ.
އެ މުޒާހަރާ އޮންނާނީ މާދަމާރޭ އާޓިފިޝަލް ބީޗްގަ އެވެ.
"ކޮންމެ ބޭފުޅަކު ވެސް ވަޑައިގެން އެތަނުގައި އެރޭ އޮންނާނެ ޕެޓިޝަނެއް. އޭގައި ސޮއި ކުރައްވާށޭ އަޅުގަނޑުމެން މި ބުނަނީ. މިއީ އަޅުގަނޑުމެންގެ އެކަނި ކަމެއް ނޫން. މިއީ ދިވެހިންނާ ގުޅިފައިވާ ކަމެއް،" ޝަފީގް ވިދާޅުވި އެވެ.
ސަރުކާރުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޝަފީގު ސަރުކާރަށް ގޮވާލި އެވެ.
"ގޯހެއް ފޮރުވަން އުޅުމުން ހައްތާވާނީ ގޯސް. މިތަނުގައި ގާބިލް ގާނޫނީ ވަކީލުން އެބަތިއްބެވި. އެބޭފުޅުން ބޭނުންކުރައްވައިގެން އެ އެގްރިމެންޓް ބާތިލު ކުރެވޭނެ ގޮތްތައް އެބަހުރި. ގޯސްފޮރުވަން އުޅުމުން މިއީ ރަނގަޅު ގޮތެއް ނޫން." ޝަފީގު އަސަރާ އެކު ވިދާޅުވި އެވެ.