14 Dec 2011, 14:36
ބޮޑު މުޒާހަރާ އަށް ސަރުކާރުން ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އެންމެ ތަންފުކެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
މަދަނީ އިއްތިހާދާއި އިދިކޮޅު ހަތް ޕާޓީއަކުން އިސްނަގައިގެން މި މަހު 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާ އަށް ހުރަސްއަޅަން ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް އިދިކޮޅު ޕާޓިތަކުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް( މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.
މަވޯޓާ ވިދާޅުވީ އިސްލާމް ދީން ހިމާތްކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅުކުރުމަށް ބާއްވާ ބޮޑު މުޒާހަރާ އަށް ސަރުކާރު ހިންގާ އެމްޑީޕީން ހުރަސް އަޅަން މަސައްކަތްކުރުމަކީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެ އަމަލު ވަރަށް ހަރުކަށި އިބާރާތުން ޑިއާރްޕީން ކުށްވެރިކުރާކަމަށެވެ.
"ރައްޔިތުން އެއްވެ ސަރުކާރަށް އިއްވަން ޖެހޭ ޝުއޫރުތައް ފާޅުކުރުމަކީ ރަނގަޅުމެއް ކަމަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރީ އެމްޑީޕީ. މިއަދު އިދިކޮޅު ފަރާތްތަކުން ޝުއޫރުފާޅުކުރަން ދިމާވީމާ އެކަމާ ދެކޮޅަށް ހުރަސްއެޅުމަށް ހަމަނުޖެހުން ހިންގަން އެ ޕާޓީން މަސައްކަތްކުރާތީ ކުށްވެރިކުރަން،" މަވޯޓާ ވިދާޅުވި އެވެ.
ސުލްހަ ވެރިކަމާ އެކު ބަޔަކު ޝުއޫރު ފަޅުކުރުމަށް އެއްވާ އެއްވުމަކަށް ސަރުކާރު ހިންގާ ޕާޓީގެ މީހުން ލަޓިބުރި ފަދަތަކެތި ހިފައިގެން އައިސް މުޒާހަރާ އާ ދިމާކުރަން މަސައްކަތް ކޮށްފި ނަމަ ކިތަންމެ ވަރަކަށް ސުލްހަވެރިކޮށް މުޒާހަރާ ކުރަން އުޅުނަސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ޝަރީފު ދެއްވި އެވެ.
"އަޅުގަނޑުމެން މިތިބިއްޔަކީ ސަރުކާރުން ދައްކާހާ ބިރަކަށް ފަސްޖެހޭކަށް ނޫން. މުޒާހަރާ އަށް ހުރަސްއަޅާ ކޮންމެ ނުރައްކާތެރި ކަމެއް އަޅުގަނޑުމެންނަށް މެދުވެރި ކުރިއަސް އިސްލާމް ދީން ހިމާޔަތްކުރުމަށް
ކުރާ މިމުޒާހަރާގައި އަޅުގަނޑުމެން ޑީއާރްޕިގެ ހުރިހާ އެންމެން ބައިވެރިވާނަން،" މަވޯޓާ ވިދާޅުވި އެވެ.
ޝަރީފް އަދި ވިދާޅުވީ މުޒާހަރާ ކޮމިޓީގައި އޭނާ ހިމެނިވަޑައިގަންނަވާތީ އޭނާ އަށް އެސްއެމްއެސް މެދުވެރިކޮށް ބައެއް ފަރާތްތަކުން އޭނާ މަރާލާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާ ކަމަށާއި އެކަމާ މެދު ކުޑަކޮށް ވެސް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
އޭނަ އަދި ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާ އާ ދިމާކޮށް އެމްޑީޕީގެ މީހުން ޖާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަށް ބުނި ނަމަވެސް ފަސްޖެހުމެއް ނެތި ޑީއާރްޕީގެ ހުރިހާ މެންބަރުން މުޒާހަރާ އަށް ނުކުންނާނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: