14 Dec 2011, 14:13
ރާއްޖޭގައި ޣައިރު ދީންތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ އިންސާނީ ހައްގުތަކުގެ ދުވަހު، ބަޔަކު މާލޭގެ އާޓިފިޝަލް ބީޗަށް އެއްވެ ބޭއްވި މުޒާހަރާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލައާއެކު އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާގެ ވެބްސައިޓް، "23ޑިސެންބަރު ޑޮޓް ކޮމް"ގައި މީހުން މަރަން ހިއްވަރުދޭ ޝިޔާރުތައް ލިޔުނު މައްސަލަ، ފުލުހުން ތަހުގީގު ކުރާ ގޮތް ބަލަން ވެސް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ހުށަހަޅައިފަ އެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ ދެ މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހު ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ކަމަށާއި އެ ދެ މައްސަލަ ކުރިއަށް ގެންދާނެތޯ ބަލަން މެންބަރުންގެ މެދުގައި އެ ދުވަހު ބަހުސަށް ހުޅުވައިލައްވާނެ ކަމަށެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް އެ ދެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކެވެ. އޭނާ ވިދާޅުވީ ބޮޑު މުޒާހަރާގެ ވެބްސައިޓުގައި މީހުން މަރަން ލިޔުނު މައްސަލައިގެ ތަހުގީގުތައް ފުލުހުން ފަށާފައިވާއިރު ދީނީ މިނިވަން ކަމަށް ގޮވާލި 30 މީހުންގެ ތަހުގީގުތައް ހިނގާގޮތް ވެސް ބަލަންޖެހޭނެ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި ރާއްޖެގެ ޓުރިޒަމްގެ ސަބަބުން ގައުމަށް އަންނަމުންދާ ތަރައްގީތަކާ ގުޅިގެން ބޭރު ދުނިޔެއިން "ކަޅިއަޅަމުންދާ" ބަޔަކު އެބަތިބި ކަމަށާއި އެފަދަ މީހުން ދިވެހިންގެ ބަޔަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އަދި އޭގެ ފެށުމަކީ ދީނުގެ ނަމުގައި އެކި އިހުތިޖާޖުތައްކެއް ރާއްޖޭގައި ފެށިގެން ދިއުން ކަމަށް މޫސަ ތުހުމަތު ކުރެއްވެވި އެވެ.
ބޮޑު މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ "އަފްގާނިސްތާނާއި ޕާކިސްތާނާއި ސުއުދާންގައި ހިނގާފަދަ ދީނީ ހަމަނުޖެހުމެއް އުފެދިދާނެތީ" ރާއްޖޭގައި ކުރާ ދީނީ މުޒާހަރާތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާ އެއްވުންތަކެއް ކަމަށެވެ. މީގެ އިތުރުން ބޮޑު މުޒާހަރާއާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީން ނުކުންނާތީ ހަމަނުޖެހުން އިތުރަށް ގޯސްވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އެފަދަ މައްސަލަތަކަކީ ހައްސާސީ (އަސަރުކުރުވާ) މައްސަލަތަކެއް ކަމަށާއި ކޮމެޓީގައި ހުރި އެހެން މަސައްކަތްތަކަށް ފަސް ކުރުމަށްފަހު ގައުމުގެ ސަލާމަތާ ގުޅުން ހުރި ކަންތަތަކަށް އިސްކަންދެއްވާނެ ކަމަށެވެ.
އިސްލާމްދީން ހިމާޔަތް ކުރުމަށް މިމަހުގެ 23 ވާ ހުކުރު ދުވަހު ބާއްވާ މުޒާހަރާ ޕްރޮމޯޓް ކުރުމަށް ލޯންޗު ކުރި ވެބްސައިޓްގައި މީހުން މެރުމަށް ހިތްވަރުދޭ ޝިޔާރުތަކެއް އާންމު ކުރުމުން އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. ރައީސް އޮފީހުން އެކަން ކުށްވެރިކޮށް ފާޑު ކިޔަމުންދަނިކޮށް ފުލުހުން ވަނީ އެ މައްސަލާގެ ތަހުގީގުތައް ފަށާއި ބޮޑު މުޒާހަރާގެ ބައެއް އިސް ވެރިން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަން ފަށައިފަ އެވެ.
ޣައިރު ދީންތަކަށް ރާއްޖޭގައި ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން އާޓްފިޝަލްގައި ބީޗުގައި 30 މީހުން އެއްވެ ކުރި މުޒާހަރާގެ މައްސަލަ ތަހުގީގު ކުރަން އަދާލަތުން ވަނީ ހުށަހަޅާފަ އެވެ.
ގާނޫނު އަސާސީގެ 10 މާއްދާގެ (ހ) ގައި ބުނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށެވެ.