26 Mar 2020, 12:37
ރިސޯޓަކަށް އެރުމަށްފަހު، ރިސޯޓުން ފައިބައިގެން ހދ. ހަނިމާދޫއަށް ދިޔަ ރިސޯޓު މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ، ހދ. ހޮޮނޑާފުށީގައި މަސައްކަތް ކުރާ، އުމުރުން 22 އަހަރުގެ ދިވެހި މުވައްޒަފެކެވެ.
މިމަހު 13 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަންގާފައި ވަނީ ރަށްރަށުން މީހުން ރިސޯޓުތަަކަށް ދިޔުމާއި ރިސޯޓުން މީހުން ފޭބުން މަނާކުރުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ. އެގޮތަށް އަންގާފައި ވަނިކޮށް، ރޭ ހދ. ހޮނޑާފުށި އައިލެންޑް ހޮޓެލްގެ ރިސޯޓު މުވައްޒަފަކު ހދ. ހަނިމާދޫގައި ހުރެފައި، ހޮނޑާފުށި އައިލެންޑް ރިސޯޓަށް އެރި ކަމަށެވެ. އަދި ރިސޯޓަށް އެރުމަށްފަހު، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އަނެއްކާވެސް ހަނިމާދޫއަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
"ހަނިމާދޫ އަށް ދިޔުމުން، ފުލުހުން ބަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ، ރިސޯޓަށް އޭނާ އެރީ ރިސޯޓުގެ މެނޭޖްމަންޓުގެ ހުއްދަނެތި ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.