26 Mar 2020, 10:09
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރަން މިއަދު ފަށާފައިވާއިރު މީގެ ކުރިން މާލޭ ސިޓީ އާއި ހުޅުމާލޭގެ މަގުތައްވެސް ވަނީ ޑިސްއިންފެކްޓު ކޮށްފަ އެވެ.
މަގުތައް ޑިސްއިންފެކްޓު ކުރުމަށް ކްލޮރިން ފެނުން މަގުތައް ދޮންނަމުންދާއިރު މާލޭ ސިޓީ ކައުންސިލުން ބުނީ އެކަންތައް ކުރަނީ އެޗްޕީއޭގެ ލަފާގެ މަތިން އެންވަޔަރަމެންޓް މިނިސްޓްރީ އާވެސް ވާހަކަ ދައްކައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ.
ކޮރޯނާ އިން ރައްކާތެރިވުމަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން ރަށްރަށުގެ މަގުތަކާއި އާންމު ސަރަހައްދުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން އައްޑޫ ސިޓީގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މާދަމާ ކުރާނެ ކަމަށް އެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު މިހާތަނަށް އަށް މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮރޯނާ އިން ރައްކާތެރިވުމަށް އެއްވެ އުޅުން މަދުކޮށް، ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.