14 Dec 2011, 13:41
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ވެރިކަން ކުރާ އެމްޑީޕީއާ ޑީލްތަކެއް ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ތުހުމަތު ކުރައްވައިފި އެވެ.
އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއެކު ކޯޓުތަކުގެ ގާޒީންނާއި ބައްދަލުކުރެއްވުމަށް އާޒިމް ވަޑައިގަންނަވަން ފެށީ އެމްޑީޕީގެ ބަހަށް ހެއްލިވަޑައިގެން ކަމަށެވެ.
އެމްޑީޕީ އާއި އާޒިމާއި ދެމެދު އޮތް ގާތް ގުޅުމެއްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އެއްވެސް އިސްލާހަކަށް އާޒިމް ވޯޓު ދެއްވާފައި ނުވާކަމަށާއި އާޒިމް ނިސްބަތްވެވަޑައިގަންނަވާ ޑީއާރްޕީން ޕެންޝަނާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ވެސް އޭނާ ވޯޓު ނުދެއްވުމުގެ ސަބަބުން ފާސްނުވި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ޕެންޝަނާ ބެހޭ ގާނޫނަށް ޑީއާރްޕީން ހުށަހެޅި އިސްލާހަކީ، މިހާރު 65 އަހަރުން މަތީގެ މީހުންނަށް ދެމުން ގެންދާ 2000 ރުފިޔާ، އަށް 20 ޕަސެންޓް ގެ ކުރިއެރުމެއް ދޭން. މި އިސްލާހު ފާސްނުވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވޯޓު ނުދެއްވުމުން" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީޑިއާތަކަށް ހަ މިލިއަން ރުފިޔާގެ ސަބްސިޑީ އެއް ދިނުމަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބަޖެޓަށް ހުށަހެޅި އިސްލާހަށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވިއިރު އާޒިމް ވޯޓު ނުދެއްވާ ކަމަށާއި އޭގެ ސަބަބުން އެ އިސްލާހުވެސް ފާސް ނުވި ކަމަށެވެ.
"އަޅުގަނޑުމެން ހުށަހެޅިން މީޑިއާއަށް ހަ މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދޭން. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކުގެ ތެރެއިން އެ ކޮމެޓީގައި ހަތަރު މެންބަރުން ހިމެނިވަޑައިގެންނެވި އިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވޯޓު ނުދެއްވައިގެން އޭތި [އިސްލާހު] ފާސްނުވި،" ރިޔާޒް ވިދާޅުިވިއެވެ.
އާޒިމް ވިދާޅުވީ ބަޖެޓަށް އެމްޑީޕީން ހުށަހެޅި އިސްލާހުތަކަށް އޭނާ ވޯޓް ދެއްވާފައި ނުވާނެ ކަމަށާއި ޑީއާރްޕީގެ އިސްލާހުތަކަށް ވޯޓް ދެއްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޑީލް ހެދުމުގެ ވާހަކަ ރިޔާޒު ރަޝީދު ދެއްކެވުން ރަނގަޅު ނުވާނެ ކަމަށެވެ.
"ރިޔާޒު ރަޝީދު ރަނގަޅުވަނީ ޑީލް ހެދުމުގެ ވާހަކަ ނުދެއްކިއްޔާ!" އާޒިމް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: