އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ނިމިގެން ދިޔަ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށް، ސެމީ ގައި އިންޑިޔާއަތުން 3-1 ލަނޑުން ރާއްޖެ ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް އާޒިމް ވިދާޅުވީ، މުބާރާތުގައި ދިވެހި ކުޅުންތެރިން ކުރި ބުރަ މަސައްކަތް ޤަބޫލް ކުރައްވާ ކަމަށެވެ.

"ކުޅިވަރުގަ އޮންނާނީ މޮޅުވުމާއި ދެރަވުން. ނަތީޖާއާމެދު ހިތް ހަމަޖެހޭނީ ތަށި ލިބުނުނަމަ. އެހެންނަމަވެސް ކުޅުންތެރިންގެ ކުޅުމުގެ ފެންވަރާމެދު ހިތް ހަމަޖެހޭ،" އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފެނުނީ ޓީމެއް ގޮތުގައި މޮޅަށް ކުޅުނުތަނެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތް ކާމިޔާބު ނުކުރެވުމުން ގިނަ ދިވެހި ސަޕޯޓަރުންގެ ހިތް ހަމަ ނުޖެހުންތައް ޓީމަށް ކުރިމަތިވިކަމަށް ދިވެހި މީޑިޔާ ތަކުގައި ވަނީ ދެކެވެންފަށައިފަ އެވެ.

މިފަހަރުގެ މުބާރާތް ނިމިގެން ދިޔައިރު ޓީމްގެތެރޭގައި އެއްވެސް މައްސަލައެއް އުޅޭތޯ ދެއްނެވުމުން އާޒިމް ވިދާޅުވީ، ޓީމްތެރޭގެ އެއްވެސް މައްސަލައެއް، ކުޅުންތެރިންގެ ހިސާބުން ފެށިގެން މެނޭޖަރާ ހިސާބަށް ވެސް ނުޖެހޭ ކަމަށެވެ.

" މުބާރާތް ކުރިއަށް ދިޔައިރު ޓީމްތެރޭގައި އެއްވެސް މައްސަލައެއް ނޫޅެ. ވަކިން ހާއްސަކޮށް އެހެން އަހަރުތަކާ ހިލާފަށް މިފަހަރު މާރަނގަޅު. ޓީމް ތެރޭގައި [ގޯސް] އެންމެ ކަމެއް ވެސް ނޫޅެ. ޖުމްލަކޮށް ޓީމާމެދު ހިތް ހަމަޖެހޭ." އާޒިމް ވިދާޅުވި އެވެ.