25 Mar 2020, 18:20
ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަންމަތީގައި އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ޓްރޭޑިން ޕްލެޓްފޯމެއް ގާއިމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް19އާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ފާހަގަކުރެއްވީ ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތަކުގެ ސަބަބުން ދަނޑުވެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
"ދަތުރުފަތުރު ކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން ސަރުކާރުން މިހާރު ގަސްތުކުރަނީ ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ހަލާކުނުވެ، ތާޒާކަންމަތީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިން ޕްލެޓްފޯމެއް ގާއިމު ކުރުމަށް،"
ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފްސީލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެސްޓީއޯއިން ހިއްސާ ކުރާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.
ކޮވިޑް19އާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިން ބަނގުރޫޓުނުވެ ހިފެހެއްޓުމަށްޓަކައި ލޯނު ސްކީމެއް ތައާރަފު ކުރުމާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށްލެވެ އެވެ.