ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލެ އަތޮޅުގެ ދެ ފަޅެއް ބޭރުގެ ދެ ފަރާތަކަށް ކުއްޔަށް ދޭން ސަރުކާރުން ނިންމައިފި އެވެ.

ހަފްތާއަކު ދެ ފަހަރު ނެރޭ ސަރުކާރުގެ ގެޒެޓްގައި މިދިޔަ ނޮވެމްބަރު މަހު 28ގެ އަދަދުގައި ވަޒީރުންގެ މަޖިލީހާ ހަވާލީދީ ބުނެފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލްގެ ނިންމުމާ އެއްގޮތަށް އަމިއްލަ ދެ ފަރާތަކަށް ކުއްޔަށް ދެނީ ކ. ފުށިދިއްގަރުފަޅާއި ކ. އެނބޫދޫފަޅު ކަމަށެވެ.

އެ ފަޅުތައް ހިއްކައި އަދި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ފުށިދިއްގަރު ފަޅު ކުއްޔަށް ދެނީ ޔޫކުރެއިންގެ ޑރ. ވިޓަލީ ޗެރެވްކޯ އަށެވެ. އެނބޫދޫފަޅު ކުއްޔަށްދެނީ ލިއޮރޯ ލިމިޓެޑަށެވެ.

އެ ތަންތަން ކުއްޔަށް ދިނީ ކިހާވަރަކަށް ކަމެއް މިއަދު ސާފުވާގޮތެއް ނުވި އެވެ.

ރިސޯޓު އަދި ހޮޓާ ފަދަ ތަންތަން ތަރައްގީކުރުމަށް ބިން ފަދަ ތަންތަން މިހާރު ކުއްޔަށްދޭ ގޮތަށް ނިންމާފައި ވަނީ 50 އަހަރަށެވެ.