ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް ހަ މަހަށް ފަސް ކުރުމަށް ނިންމައިފިއެވެ.

ކޮރޯނާގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ހަައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތައް މާޗު މަހުން ފެށިގެން ދައްކާ ފައިސާ ހަ މަސް ދުވަހަށް ފަސް ކުރަން ނިންމާފައިވާ ކަމަށެވެ.

ގެދޮރު ގަތުމަށް ގިނަ ބަޔަކު އެޗްޑީއެފްސީ އިން ލޯނު ނަގާފައިވާއިރު، މި ލުޔާއެކު، އެޗްޑީއެފްސީގެ ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ހަ މަސް ލިބޭނެއެވެ. މި ފުރުސަތު ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީ އިންވެސް ވަނީ ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ހަ މަސް ދޭން ނިންމައިފައެވެ. މީގެ އިތުރުން ސްޓޫޑެންޓް ލޯނު ދެއްކުންވެސް ހަ މަހަށް ފަސްކޮށްދީފައިވާކަން ރައީސް މިއަދު ވަނީ އިއުލާނު ކުރައްވައިފައެވެ.

މިއީ ކޮރޯނާ އާއި ގުޅިގެން ފަރުދުންގެ އާމްދަނީ އަށާއި ގައުމުގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއެކު ދޭން ނިންމާފައިވާ ލުޔެކެވެ.

ކޮރޯނާ އާއި ގުޅިގެން އަންނަމުންދާ އިގްތިސޯދީ ހީނަރުކަމާއެކު، ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ ޕެކޭޖެއް ތައާރަފުކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.