25 Mar 2020, 15:22
ރާއްޖޭގައި ތިބި ޔޫރަޕުގެ ފަތުރުވެރިން އެމީހުންގެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ގައުމުތަކާ ދެމެދު އޮތް ގުޅުން އަންގައިދޭ ކަމެއް ކަމަށް އީޔޫއިން ބުނެފި އެވެ.
އީޔޫ އެކްސްޓަނާލް އެކްޝަން އިން ބުނެފައިވަނީ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމަށާއި އީޔޫގެ ގައުމުތަކުގެ ފަތުރުވެރިން އަނބުރާ ގައުމުތަކަށް ގެންދިޔުމުގައި އީޔޫ އާއި ރާއްޖެއިން ކޯޑިނޭޝަން ވަރުގަދަ ކަމަށެވެ. އެކަން ހާމަވާ ސަބަބަކީ އީޔޫގެ ޑެލިގޭޝަނެއް ނުވަތަ އެމްބަސީއެއް މާލޭގައި ނެތިވެސް ގައުމުތަކުން މުވާސަލާތުކޮށްފައިވާގޮތް ރަނގަޅު ކަމުން ކަމަށް އެކްސްޓާނަލް އެކްޝަންގައި ބުނެފައިވެ އެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެއިރު ރާއްޖޭގައި 34،000 ބިދޭސީން ތިބި ކަމަށެވެ. އޭގެތެރެއިން ގިނަ ބިދޭސީންނަކީ ޔޫރަޕުުގެ ފަތުރުވެރިން ކަމަށް އީޔޫއިން ބުނެ އެވެ.
ޔޫރަޕުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ. އެ މަސައްކަތްތައް ކުރުމުގައި މާލޭގައި ހުރި ޔޫކޭގެ ހައި ކޮމިޝަނުން ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖެއާއި ޔޫރަޕާ ދެމެދުގައި ކޮމާޝަލް ފްލައިޓުތައް ބޭއްވުމަކީ ބޮޑު މަސައްކަތެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ރާއްޖެއާއެކު ކޯޕަރޭޝަންގެ މަސައްކަތް ވަރަށް ކާމިޔާބު. ހުރިހާ މައްސަލަތަކަކާއި މަސައްކަތްތަކެއް ވަނީ ވަގުތުން އަޕްޑޭޓްކޮށްދީފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.