25 Mar 2020, 15:01
ޝީޝާ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް، އެ ހިދުމަތް ދިން ފަސް ކެފޭއެއް 5،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް، މި މަހުގެ 20 ވަނަ ދުވަހު ޝީޝާގެ ހިދުމަތް ދިން ދެ ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ކެފޭތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ.
ޝީޝާގެ ހިދުމަތް ދެވެން ފެށޭނެ ތާރީހެއް ބަޔާންކޮށްފައި ނުވާ އިރު، އެޗްޕީއޭ އިން ބުނީ ވަކި ގޮތެއް އަންގަންދެން އެ ނިންމުން ދަމަހައްޓާނެ ކަމަށެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތް ދީގެން މި މަހުގެ 23 ވަނަ ދުވަހު ކެފޭއަކާއި 24 ވަނަ ދުވަހު ދެ ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަސް ކެފޭ ވެސް ޖޫރިމަނާކޮށްފައި ވަނީ 5،000 ރުފިޔާއިން ކަމަށެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ބޯނުލަބައިފި ނަމަ، އެ މީހުންގެ ނަން ހާމަކޮށް، 5،000 ރުފިޔާއަށްވުރެ، ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް އާންމުންނަށް ބަންދު ކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އިން ފެށިގެންނެވެ. ކެފޭ ރެސްޓޯރަންޓުތައް އާންމުންނަށް ބަންދުކުރި ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ދެވޭނެ އެވެ.