14 Dec 2011, 12:02
ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިޔާ-މޯލްޑިވްސް (އެފްއޭއައިއެމް)ގެ އިސް ބޭފުޅުންނާ، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިންޑިޔާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާއި، އެފްއޭއައިއެމް އިން ހިންގަވަމުން ގެންދަވާ ތަފާތު ހަރަކާތްތަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެފްއޭއައިއެމްގެ ފަރާތުން، އިންޑިޔާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުން ދެމެހެއްޓޭނީ، ދެގައުމުގެ ރައްޔިތުންގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ގާއިމް ކުރެވިގެން ކަމުގައި ވިދާޅުވި އެވެ. މިގޮތުން، އެފް.އޭ.އައި.އެމް އަދާކުރާ ދައުރަކީ، މިކަން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވި އެވެ. އަދި މިގޮތަށް ގުޅިގެން މަސައްކަތްކުރާ ނަމަ، ދެ ގައުމަށްވެސް ފައިދާތަކެއް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އިންޑިޔާ ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީ އަށް އެޖަމްއިއްޔާގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު، އެފް.އޭ.އައި.އެމްގެ ބޭފުޅުންނަށް، މިބައްދަލުވުމުގައި ނައިބު ރައީސް ދެއްވި އެވެ. އަދި އެއް ގައުމުގައި އަނެއް ގައުމެއްގެ ރައްޔިތުންނަށް، އެއްޖަމާއަތެއްގެ ގޮތުގައި އުޅުމުގެ މަގުފަހިކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.