25 Mar 2020, 11:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އެއާޕޯޓުގެ މުވައްޒަފުން އަތްދޮޮންނަން، ހާއްސަ ސަރަހައްދުތަކެއް ގާއިމްކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އެއާޕޯޓުގެ މުވައްޒަފުންގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި އަތްދޮންނާނެ ތަންތަން ގާއިމްކޮށްފައިވާ ކަމަށެވެ.
ކޮރޯނާ އާއި ދެކޮޅަށް އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއާޕޯޓުގެ މަގުތައް ޑިސްއިންފެކްޓު ކުރަން ފަށާފައިވާއިރު، އެއާޕޯޓުގެ ކޮމަން އޭރިއާތައްވެސް ދަނީ ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރަމުންނެވެ.
މީގެ އިތުރުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އެއާޕޯޓުގެ މުވައްޒަފުންގެ ކެންޓީނުތަކުގެ ސީޓިން އެރޭންޖުމެންޓު ވެސް ބަދަލުކޮށްފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް ޕެއިޑް ލީވެއް ހަމަޖައްސައިދޭން ނިންމާފައިވާއިރު ފްލޫގެ އަލާމަތްތަކާއި މާބަނޑު މުވައްޒަފުންނާއި ސިއްހީ ގޮތުން އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މުވައްޒަފުންނަށް ވެސް މުސާރަ ހިނގާ ގޮތަށް ޗުއްޓީއެއް ހަމަޖައްސައިދޭން އެމްއޭސީއެލްއިން ވަނީ ނިންމާފަ އެވެ.
އެމްއޭސީއެލްގެ އިތުރުންވެސް ގިނަ ކުންފުނިތަކަކުން ދަނީ އާންމު ސަރަހައްދުތަކާއި އެކުންފުނިތަކުގެ މުވައްޒަފުން މަސައްކަތްކުރާ ސަރަހައްދުތަކުގައި އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ފެނިފައިވާއިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.