ހދ. ނޮޅިވަރަމްފަރުގައި ގުރޫޕަކުން ކުޑަ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައި ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޮޅިވަރަންފަރުގެ ގުރޫޕަކުން ރޭ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅުނު ނަމަވެސް އެ ކުއްޖާ އެމީހުން ކައިރިން ސަލާމަތްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.

ނޮޅިވަރަމްފަރުން ވާހަކަ ދެއްކި މީހަކު ބުނީ ތޫނު ހަތިޔާރު ހިފައިގެން އުޅުނު ގުރޫޕުން 15 ވަރަކަށް އަހަރުގެ އަންހެން ކުއްޖާއާ ދިމާކޮށްލީ ރޭ 11:00 ޖަހާކަންހާއިރު ކުޑަ އަންހެން ކުއްޖާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖަކާއެކު ނުކުމެގެން އުޅެނިކޮށް ކަމަށެވެ.

އެމީހާ ބުނީ ރޭ، އަންހެން ކުއްޖާ އާއި އޭނަގެ ލޯބިވެރިޔާ ރަށުގެ ހޮޅުއަށްޓެއްގައި ތިއްބާ އެތަނަށް އިތުރު ފިރިހެން ކުއްޖަކު ދިއުމުން އަންހެން ކުއްޖާގެ ލޯބިވެރިޔާ ފިލަން ވަލުތެރެއަށް ވަން ކަމަށާއި އެވަގުތު އަންހެން ކުއްޖާ ވެސް ވަލަށް ވަން ކަމަށެވެ.

"އެވަގުތު އެތަނަށް މޫނު ނިވާ ކޮށްގެން ހުރި މީހަކާއި އިތުރު ތިން މީހުން ގޮސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅުނީ ކަމަށް ވަނީ،" އެމީހާ ބުންޏެވެ.

އެ ރަށުން ސަން އޮންލައިނަށް މައުލޫމާތު ދިން އެހެން މީހަކު ބުނީ ވަޅި ހިފައިގެން ގޮސް ދިމާކޮށްލި ގްރޫޕްން އަންހެން ކުއްޖާ ގާތުގައި އެދެމުން ދިޔަ "ކަންތައްތަކެއް" ކުރަން އެކުއްޖާ އުޒުރުވެރި ވުމުން އެކަކު ވަޅިން ބިރު ދެއްކި ކަމަށެވެ. އަދި އަހެންކުޖާގެ އިސްތަށިގަނޑުގައި ހިފައި ދަމާއި ވަލުގެ އެހެން ހިސާބަކަށް ގެންދިޔަ ކަމަށެވެ. އެމީހާ އަދި ބުނީ އެ ގްރޫޕްގެ ކިބައިން ސަލާމަތް ވެގެން އަންހެން ކުއްޖާ ފިލީ އެމީހުންނާއެކު ވަލުތެރެއިން ގޮސް މަގެއް މައްޗަށް ނުކުތް ވަގުތު ކަމަށެވެ.