ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން އެއްވެސް ގައުމެއްގައި ހުރި ދިވެއްސަކު އެ ގައުމުން ނިކުންނަން ޖެހޭ ހާލަތެއް އައިސްފި ނަމަ ދިވެހި ސަރުކާރުން ރެސްކިއު ފުލައިޓެއް ބާއްވައިގެން ނަމަވެސް އެ މީހަކު އަނބުރާ ގައުމަށް ގެންނާނެ ކަމަށް މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔައަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އިން ބޭރުގައި ތިބި އެތައް ދިވެހިންނެއް އެނބުރި ގައުމަށް އައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ގައުމުތައް ލޮކްޑައުންކޮށް ނުވަތަ އެ ގައުމަށް ފްލައިޓް ޖެއްސުން ހުއްޓާލާފައި އޮތުމުން އެ ދިވެހިން ވެސް ވަނީ "ތާށި" ވެފަ އެވެ.

އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ، މިވަގުތުގެ ހާލަތަށް ބަލައި ދަތުރުކުރުމަށް އެއާޕޯޓަށް ދިއުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށާއި ދިވެހިން މިހާރު ތިބި ގައުމަތުގައި ތިބުން ބުއްދިވެރި ކަމަށެވެ. އަދި އެ ގައުމުތަކުގައި ތިބި ދިވެހިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"މިއިންތަނަކުން ނިކުމެވޭ ހާލަތު އައީމަ އެއީ އެގައުމަކުން ނިކުންނަން ޖެހޭ ބައެއް ކަމަށް ފެންނަންޔާ އަޅުގަނޑުމެން ރެސްކިއު ފުލައިޓް ބާއްވައިގެން ވެސް ގެންނަންވީ ގެނަން ޖެހޭ ކަމަށް ވަންޔާ. އަދި އެގައުމުތަކުން އަމިއްލައަށް ނިކުންނަން ބޭނުންވާ ބޭފުޅުން ތިބޭ ނަމަ އަޅުގަނޑުމެން މިހާރު ވެސް މިދަނީ އެހީވަމުން،" ރައީސް އޮފީހުގެ އަންޑަސެކެއްޓްރީކަން ވެސް ކުރައްވާ، މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން މިހާރު ނިންމާފައި ވަނީ، ޓޫރިސްޓުން ފިޔަވާ ރާއްޖެއަށް އެތެެރެވާ އެންމެން 14 ދުވަހަށް ސަރުކާރުން ކަނޑައަޅާ ކަރަންޓީނު މަރުކަޒެއްގައި ކަރަންޓީނު ކުރުމަށެވެ. އެގޮތުން، ބޭރުގައި ތިބުމަށް ފަހު ރާއްޖެ އަންނަ ދިވެހިން ވެސް 14 ދުވަހަށް އަންނަނީ ކަރަންޓީނު ކުރަމުންނެވެ.

ނޭޕާލް އިން ރާއްޖެ ގެންނަން މަސައްކަތް ކުރި، މެޑިސިން ކިޔަވާ 17 ދަރިވަރަކު އެ ގައުމުގައި "ތާށި" ވެފައިވާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، އެ ކުދިންގެ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެކީ ޔަގީން ކުރުން އެމީހުނަށް ރަނގަޅު ކޮޓެރި ލިބޭ ކަން. އެމީހުނަށް ކާބޯތަކެތި ލިބޭ ކަން. ރައްކާތެރި މާހައުލެއްގައި ތިބެވޭކަން. އެމަސައްކަތްތައް އަޅުގަނޑުމެން ކުރާނަން ހުރިހާ ގައުމެއްގައި ވެސް،" މަބްރޫކް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ގައުމުތަކުގައި ތިބި ދިވެހިން ވެސް ބޭނުންވާ ގޮތައް ކަންކުރެވޭތޯ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ހާސްކަމުގެ ތެރޭގައި ޑިސިޝަނެއް ނެގުމަށް ވުރެން ރިސްކަށް ބަލައިގެން ފިޔަވަޅު އެޅުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން ރަައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހޭދަކުރަން،" މަބްރޫކް ވިދާޅުވި އެވެ.