ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު އެ ގައުމުން އަލަށް ފެނުނު 50 ކޮރޯނާވައިރަސް ކޭހުގެ ތެރެއިން ދިވެއްސަކު ހިމެނޭ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މުހައްމަދު މިއުވާން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާތީ މިނިސްޓްރީން ދަނީ އެކަން ބަލަމުން ކަމަށެވެ.

އަދި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ޔޫއޭއީގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގއި ބުނެފައިވަނީ ކޮރޯނާއަށް ޕޮޒިޓިވްވި ދިވެހި މީހާ ހިމެނެނީ ކޮރޯނާއަށް ޕޮޒިޓިވްވި ކަމަށް އަލަށް ފެނުނު 50 މީހުންގެ ތެރޭގައި ކަމަށެވެ. އަދި މި 50 ކޭސްގެ ތެރެއިން ހިމެނެނީ ކުރިން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އިތުރުން، ބޭރު ގައުމުތަކުން ޔޫއޭއީއަށް އެތެރެވެފައިވާ މީހުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އަލަށް ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްގެ އިތުރުން ސްރީލަންކާ، ސައުދީ އަރަބިއްޔާ، ޔަމަނ، ޓިއުނީޝިއާ، ދެކުނު އެފްރިކާ، ބެލްޖިއަމް، ދެކުނު ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކްރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާނު، ކެންޔާ، ސޫދާން، އިރާނު، އަޔަލެންޑު، މޮރޮކޯ، ޕާކިސްތާނު، ސްވީޑަން؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން އެކަކާއި އިޓަލީ، މިސްރު، ޔޫއޭއީ، ސްޕެއިން، ނެދަލެންޑްސް، ޖޯޑަން އަދި ފިލިޕީންސް؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން ދެ މީހަކާއި އެމެރިކާ، ބަންގްލަދޭޝް އަދި ފަލަސްތީނު؛ މި ގައުމުތަކުން ކުރެ ކޮންމެ ގައުމަކުން ތިން މީހަކާއި އިންޑިއާގެ ހަ މީހުންނެވެ.

މި ހުރިހާ އެންމެންގެވެސް ހާލު ރަނގަޅުކަމަށާޢި އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދަނީ ފޯރުކޮށްދެމުން ކަމަށް ޔޫއޭއީ ހެލްތު މިނިސްޓްރީން ބުނެއެވެ.

މިހާރު ޔޫއޭއީގައި ކޮރޯނާއަށް ޕޮޒިޓިވްކަމަށް ފެނިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 248 އެވެ.

އަލި ބަލި ޖެހުމަށްފަހު މިހާތަނަށް ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 45 އެވެ.